05 Jun 2012, 09:53
ސެންޕީޓާސްބާގް (ޖޫން5): ރަޝިޔާގެ ސެންޕީޓާސްބާގް ކުރިޔަށްދާ ޔޫރަޕްގެ އިއްތިޙާދާއި ރަޝިޔާގެ އިސްވެރިންގެ ސަމިޓްގައި، ސޫރިޔާގެ މައްސަލަ ހައްލުކޮށް އަހްލީ ހަނގުރާމައަކުން އެޤައުމު ސަލާމަތް ކުރުމަށްއޮތް ހަމައެކަނި ގޮތަކީ ކޯފީ އަނާންގެ ސުލްހައިގެ ޕްލޭން ތަންފީޒުކުރުން ކަމަށް އެދެފަރާތުން އެއްބަސްވެއްޖެ އެވެ.
މިކަން ހާމަކުރައްވާފައި ވަނީ ޔޫރަޕްގެ އިއްތިޙާދުގެ ރައީސް ހެރްމަން ވެން ރޮމްޕޮއީ އެވެ. ވެން ރޮމްޕޮއި ވިދާޅުވި ގޮތުގައި ސޫރިޔާގެ ޙާލަތު އާދަޔާޚިލާފަށް ނުރައްކާވެފައިވާ އިރު ބާރުގެ ބޭނުންކޮށްގެން ސޫރިޔާގެ މައްސަލަ ހައްލުކުރުމަކީ އޮތް ޙައްލެއްނޫނެވެ. އެހެންކަމުން ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނަސް ސަލާމަތްކޮށް އަހްލީ ހަނގުރާމައަކުން އެޤައުމުގެ ކުށެއް ނެތް ރައްޔިތުން ސަލާމަތްކުރެވޭނެ ހަމައެކަނި ކޯފީ އަނާންގެ ސުލްހައިގެ ޕްލޭން ތަންފީޒުކުރުމެވެ.
މިޕްލޭން ތަންފީޒުކުރުމަށް ޓަކައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް ފިއްތުންތައް ކުރިމަތިކުުރުމަށް މިސަމިޓްގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާ އަށް ބާރުއަޅަމުންގެންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާގެ މައްސަލާގައި ހުޅަނގުންއެދޭ ދޫތައް ދެއްވުމަށް ޕޫޓިން ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ރަޝިޔާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސޫރިޔާގެ ރައްޔިތުންގެ ޙިމާޔަތުގައި ހުޅަނގުން ވާހަކަދައްކަނީ އެއްވެސް އިޚްލާސްތެރިކަމެއް އޮވެގެނެއްނޫނެވެ. އަދި ހުޅަނގުން ސޫރިޔާއާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ ބޭރުން ގެންނަ ޙައްލެއް ސޫރިޔާއަށް ފިޓްނުވާނެ ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
ސެންޕީޓާސްބާގް ކުރިޔަށްދާ ޔޫރަޕްގެ އިއްތިޙާދާއި ރަޝިޔާގެ އިސްވެރިންގެ ސަމިޓަކީ ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިނަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން އަލުން ތަޢާރަފްކުރުމާއި ދެފަރާތުގެ ސިޔާސަތުތައް ދެނެގަތުމުގެ މަޤްސަދްގައި ބޭއްވި ސަމިޓެކެވެ. މިސަމިޓްގައި ސޫރިޔާގެ މައްސަލައިގެ އިތުރުން ޔޫރަޕްގެ މައްސަލަތަކާއި އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ބެހޭ ގޮތުން ޕޫޓިންއާއި ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިން މަޝްވަރާ ކުރެއްވަމުންގެންދަވާ ކަމަށް ޚަބަރު ލިބެ އެވެ. (އަލްޖަޒީރާ)