16 Mar 2024, 21:54
އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ވެލްސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ގްރީސްގެ މާރިއާ ސަކާރީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ސަކާރީ ޖާގަހޯދައިފާވަނީ ސެމީފައިނަލްގައި މިމުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ކޯކޯ ގައުފް ބަލިކުރުމަށްފަހުއެވެ. ވާދަވެރި ކުޅުމެއް ފެނުނު މިމެޗު ސަކާރީ ކާމިޔާބު ކޮށްފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ސަކާރީ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ވަނީ ޓައިބްކޭކަކަށް ގޮސް ފަހެއް ހަތަކުން ގައުފް ކާމިޔާބު ކޮށްފައެވެ. އަދި ފަހު ސެޓުގައި ގޮއުފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް ގަބޫލް ކުރެވުނު ނަމަވެސް އެސެޓު ސަކާރީ ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ. މިމެޗު ކުޅެމުންދިޔައިރު ވާރޭ ވެހުވުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ކުޅުން މެދު ކަނޑާލަން ޖެހުނެވެ.
މިމުބާރާތުގެ ފައިނަލްގައި ސަކާރީ ވާދަކުރާނީ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝްވާޓެކް އާއެވެ. ޝުވާޓެކް ފައިނަލްއިން ޖާގަހޯދީ ސެމީފައިނަލްގައި ޔޫކްރެއިންގެ މާޓާ ކޮސްޓްޔުކް ސީދާ ދެސެޓުން ކާމިޔާބު ކޮށްގެން ކަމަށްވާއިރު، 65 މިނެޓަށް ދެމިގެންދިޔަ މިމެޗުގެ ސެޓުތައް ޝްވާޓޭކް ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް އެކަކުންނެވެ.
ޝްވާޓެކް އާއި ސަކާރީ ވަނީ 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. އެފަހަރު ސީދާ ދެސެޓުން ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކޮށްފައިވަނީ ޝްވާޓެކްއެވެ. އަދި މިފަހަރުގެ މުބާރާތުގައި ޝްވާޓެކް އަތުން އަދި ސެޓެއް ނުގެއްލެއެވެ.