05 Jun 2012, 09:39
ޓްރިޕޮލީ (ޖޫން5): އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ވެރިކަން ދިފާޢު ކުރުމަށްޓަކައި ގައްޒާފީގެ ބާރުތަކާ ގުޅިގެން ހަނގުރާމަކުރި އިރުމަތީ ޔޫރަޕްގެ ކުލީ ސިފައިންގެ ބަޔަކު ދިގު މުއްދަތުތަކަށް ޖަލަށް ލުމަށް ލީބިޔާގެ ޢަސްކަރީ ކޯޓަކުން ޙުކުމްކޮށްފި އެވެ.
ޓްރިޕޮލީގައި ޤާއިމްކޮށްފައިވާ ޢަސްކަރީ ކޯޓަކުން އިއްޔެ ޙުކުމް އިއްވީ ގައްޒާފީގެ ބާރުތަކާގުޅިގެން ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަކުރި ބޭރުގެ ކުލީ ސިފައިންގެ ތެރެއިން ޔުކްރޭންގެ 19 މީހަކާއި ރަޝިޔާގެ 3 މީހަކާއި ބިލަރޫސްގެ ދެމީހެއްގެ މައްޗަށެވެ. މީގެތެރޭގައި ހިމެނޭ ރަޝިޔާގެ އެކެއްގެ މައްޗަށް އުމުރަށް ޖަލަށް ލުމުގެ ޙުކުމް އިއްވިއިރު އަނެއް 23 މީހުންގެ މައްޗަށް އިއްވާފައި ވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.
ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ފަހު ލީބިޔާގައި އަލުން އެކުލަވާލި ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފްގެ ތަރްޖަމާން ކާނަލް ޢަލީ އައްޝައިޚީ ވިދާޅުވީ މިމީހުންގެ މައްޗަށް ޙުކުމް އިއްވާފައި ވަނީ އެމީހަކު ކުރިކަމެއްގެ މައްޗަށް ބަލައިގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ލީބިޔާގެ ޢަސްކަރީ ހައިކޯޓުގައި މިޙުކުމް އިސްތިއުނާފް ކުރުމުގެ ޙައްޤު މި 24 މީހުންނަށް ލިބިގެންވާ ކަމުގަ އެވެ. ލީބިޔާގައި ތިއްބަވާ ރަޝިޔާއާއި ޔުކްރޭންގެ ސަފީރުން ވަނީ މި ޙުކުމްތައް ވަރަށް ހަރުކަށިކަމަށް ސިފަކުރައްވާފަ އެވެ.
މި 24 މީހުންނަކީ ލީބިޔާގެ ތެލުގެ އިންޑަސްޓްރީގައި މަސައްކަތްކުރުމަށް ގައްޒާފީގެ ވެރިކަމުގެ ފަހުކޮޅުގައި ގެނައި ފަންނީ މާހިރުންގެ ބައެއްކަމަށް ކަމަށާއި މި 24 މީހުން ލީބިޔާގެ ވައިގެ ސިފައިންގެ ބައެއް ފަންނީ ކަންކަމުގައި ބައިވެރިކޮށްފައިވަނީ ގައްޒާފީގެ ސަރުކާރުން މަޖްބޫރުކޮށްގެން ކަމަށް ޓްރިޕޮލީގައި ހުންނަވާ ޔުކްރޭންގެ ސަފީރު ލީބިޔާގެ މީޑިޔާ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް ލީބިޔާ ސިފައިންގެ ތަރްޖަމާން ވިދާޅުވެފައި ވަނީ ގައްޒާފީގެ ބަރުތަކުން ލިބިޔާ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަން މި 24 މީހުންގެ މައްޗަށް ސާބިތުވާކަމުގަ އެވެ. (އަލްޖަޒީރާ)