16 Mar 2024, 19:52
ވިމެންސް ސުޕާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި ތާވަލްގެ އެއް ވަނައިގައި އުޅޭ ޗެލްސީ ވިމެން އާއި އާސެނަލް ވިމެން ބައްދަލުކުރި މެޗު ޗެލްސީ ވިމެންއިން ކާމިޔާބުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. މިމެޗަށް އާސެނަލްއަށް އޮޅިގެން ނުބައި އިސްޓާކީނު ސެޓެއް ގެންދެވުމުގެ ސަބަބުން މެޗު ފެށުން 30 މިނެޓަށް ލަސްވިއެވެ. އާސެނަލްއިން މިމެޗަށް ގެންދިޔަ ހުދު ކުލައިގެ ސެޓާއި ޗެލްސީއިން ބޭނުންކުރާ ސެޓާ އެއް ކުލައަކަށް ވުމުން އެންމެ ފަހުން އާސެނަލްގެ އޮފިޝަލަކަށް ޖެހުނީ ސްޓޭޑިއަމްގައި ހުރި ޗެލްސީ ފިހާރައިން ކަޅުކުލައިގެ އިސްޓާކީނު ސެޓެއް ގަނެ ޗެލްސީގެ ލޯގޯ ފޮރުވުމުގެ ގޮތުން އޭގެމަތީ ޓޭޕް އަޅާށެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި އާސެނަލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. އަދި ޗެލްސީއިންވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ލޯރެން ޖޭމްސްއެވެ.
އެ ލަނޑު ޖެހިތާ ހަ މިނެޓުފަހުން ޗެލްސީގެ ލީޑު އެޓީމަށް ފުޅާކޮށްދިނީ ސިޔޯއެކާ ނުސްކެންއެވެ. މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ޖަހައިދިނީވެސް ނުސްކެންއެވެ. މިމެޗުގައި ޗެލްސީގެ ފަރާތުން އިތުރު ލަނޑުތަކެއް ފެނިގެން ނުދިޔައީ އާސެނަލްގެ ކީޕަރު މެނުއެލާ ޒިންސްބާގާ ގިނަ ހަމަލާތަކެއް ދިފާއު ކުރުމުގެ ސަބަބުންނެވެ. މިމެޗުގައި އާސެނަލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑަކީ މެޗުގެ 86 ވަނަ މިނެޓުގައި ޗެލްސީގެ މަތަރިނާ މަކާރިއޯ ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ.
މިކާމިޔާބީއާއެކު ޗެލްސީ ވިމެން މިހާރު އުޅެނީ 16 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ ތިން ޕޮއިންޓްގެ ލީޑަކާއެކުއެވެ. ދެވަނައިގައި އުޅޭ މެންޗެސްޓާ ސިޓީ ވިމެން އަށް ލިބިފައިވާވަނީ 15 މެޗުން 37 ޕޮއިންޓެވެ. އަދި ސިޓީއިން ބްރައިޓަން އެންޑް ހޯވް އެލްބިއަން ވިމެންއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށް ޕޮއިންޓްގެ ގޮތުން އެއްވަރު ވި ނަމަވެސް ފައިދާ ގޯލަށްބަލާއިރު ޗެލްސީ އުޅެނީ ކުރީގައެވެ. އާސެނަލް ވިމެން މިވަގުތު އޮތީ 16 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި މިނާކާމިޔާބީގެ ސަބަބުން 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ސުޕާ ލީގު ކާމިޔާބު ކުރުމަށް އާސެނަލްއިން ކުރަމުންދިޔަ އުންމީދަށް މިވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިހާރު ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތް އިރު ޗެލްސީ މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު އެޓީމު ފަހަތަށް ޖައްސާލާ އެހެން ޓީމަކަށް ކުރި ހޯދޭނެ ކަމަކަށް ނުބެލެވެއެވެ.