Last Updated:
1 decade 3 year ago

ޝާހިދުގެ އިތުބާރުއޮތް ކަމަށް ފާސްކޮށްފި

    ބުލޮގު ޚުލާސާ
    *** އެމްޑީޕީގެ 27 މެންބަރަކު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ފަށައިފި އެވެ. މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް އަށް ޖަވާބުދާރީ ވުމަށް ވަނީ ތިން ފުރުސަތެއް ދެއްވައިފަ އެވެ. މައްސަލަ ހުށަހެޅުމުން ޖަވާބުދާރީ ވުމަށް 10 މިނެޓް ބަހުސްގެ މެދުތެރެއިން 15 މިނެޓް އަދި ބަހުސް ނިންމާލަމުން 20 މިނެޓެވެ. ބަހުސް ކުރިއަށް ދާއިރު ޝާހިދު އިންނަވަނީ މަޖިލީހަށް ޖަވާބުދާރީވާން މިނިސްޓަރުން ވަޑައިގެން ތިއްބަވާ ބެންޗްގައި އިށީންދެ ވަޑައިގެންނެވެ. އެ މަނިކުފާނު އެތަނުގައި އިންނެވީ އެކަންޏެވެ.
    13:37

    ޝާހިދުގެ އިތުބާރު އޮތް ކަމަށް 45 މެންބަރުން ވޯޓުދެއްވައިފި. އިތުބާރު ނެތް ކަމަށް 25 ބޭފުޅުން ވޯޓުދެއްވި. ވަކި ފަރާތަކަށް ނުޖެހި ދެ މެންބަރުން ތިއްބެވި. އެހެން ކަމުން އިތުބާރު ނެތް ކަމަށް ފާހެއް ނުވި.
    13:36

    މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ދެންމެ ރިޔާސަތުން އަހައިފި.
    13:31

    ހުސްވަގުތުކޮޅަށް ފަހު ޖަލްސާ ފަށައިފި. ކުޑައިރުކޮޅެއް ތެރޭ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެ. ޖަލްސާ ފެށުމާ އެކު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ވޯޓު ލުމުގައި އޮބާލާނީ ކޮންކުލައެއްގެ ބަޓަނަކަށް ކަން އޮޅުންފިލުވަިއ ދެއްވުމަށް އެދިވަޑައިގެންފައި. ރިޔާސަތުން ވިދާޅުވީ ވޯޓުގެ ކުރިން އެކަން އޮޅުންފިލުވައިދޭނެ ކަމަށް.
    12:12މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު؛ މަޖިލީހުގައި

    މަޖިލީހުގެ ރިޔާސަތުގައި އުސްމޭޒެއްގައި ބޮޑުގޮނޑިއެއްގައި އިނުމަކީ އެއީ ބޮޑު މަތިވެރި ފަހުރެއް ކަމަށް ފެނުނު ކަމުގައި ވިޔަސް، ހަގީގަތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ މަސައްކަތް ކުރަން ހަވާލުވި މީހެއްގެ ގޮތުން އަޅުގަނޑަށް މި ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތަޖުރިބާ ކުރަން ޖެހެނީ ބައެއް ފަހަރު ވަރަށް ހިއްދަތި މާހައުލެއް. އެހެން ދެންނެވި ކަމުގައިވިޔަސް ބައެއް ފަހަރު އަޅުގަނޑު ވަރަށް ފަހުރުވެރިކަމާ ވަރަށް އުފަލާ އެކު ތިޔަ އެންމެ މެންބަރުންގެ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިގެންދާ ވަގުތު ހިތަށް އުފާވެރިކަން ލިބިގެންދާ ވާހަކަ ދަންނަވަން. މަޖިލީހުގެ ޖަލްސާތަކުގައި ދެކެވޭ ވާހަކަތަކަށް އަޅުގަނޑު ރައްދެއް ނުދެން. އަދި ހަމައެއާ އެކު މަޖިލީހުގެ ޖަލްސާތަކުން ބޭރުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މީހަކަށް ހުރި މީހަކަށް ރައްދުކޮށް ދެކެވޭ ވާހަކަތަކަށް ވޭތުވެ ދިޔަ ތިން އަހަރު މިދިޔައީ ރައްދު ނުދީ. އެއީ ހަމަ އެންމެ ބޭނުމެއްގައި ކުރިކަމެއް. އަޅުގަނޑުގެ މަގުސަދަކަށްވެފައި އޮތީ އަޅުގަނޑުގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރެވޭނެ ފަދަ މީހެއްކަމުގައި އަޅުގަނޑު އަމިއްލައަށް ވޭތޯ މަސައްކަތް ކުރުން. އެކަމަކު އެކަން ނުކުރެވި ވާނަމަ އެއީ އަޅުގަނޑުގެ ހުރި ނާގާބިލްކަން. ނަމަވެސް ތިޔަ އިއްޒަތްތެރި މެންބަރުންގެ ތެރެއިން ޖަޒުބާތުގައި ތިބޭ މެންބަރުންނަށް އެއްޗިހި ވިދާޅުވެވޭ އެކަމަކު އެފަދަ މެންބަރުންނަށް ރައްދުގައި އެއްޗެއް ވިދާޅުނުވެ ހުންނަ ސަބަބަކީ އަޅުގަނޑު އެގޮތަށް ރައްދުދޭން ފަށައިފިނަމަ މުޅި މި މުއައްސަސާ ހަލާކުވެދާނެ ކަން އަޅުގަނޑަށް ޔަގީން ވާތީ. އަޅުގަނޑު އެގޮތަށް އަމަލުކޮށްފައިވާނީ އަޅުގަނޑާއި އާއިލާއަށް އަދި ޕާޓީއަށްވެސް ނުހަނު ނިކަމެތިކަން ކުރިމަތިވަމުން ދިޔަ ހިނދު.
    11:53

    އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް ނިމުމާ އެކު މަޖިލީސް ކުޑަ ވަގުތުކޮޅަކަށް މެދުކަޑާލައިފި. ދެން މަޖިލިސް އޮންނާނީ 1:30 ގައި ކަން ރިޔާސަތު އިއުލާންކުރެއްވި. ދެން އޮންނާނީ މަޖިލީހުގެ ރައީޯސްގެ އިތުބާރު ނެތް ކަމުގެ ވޯޓުނެގުން.
    11:39

    ގިނަ މެންބަރުން ޝާހިދާ މެދު އެކި ޝުއޫރުތައް ފާޅުކުރައްވައި ނިންމަވައިފި. ޝާހިދު އޭނާޔަށް ހުށަހެޅިފައިވާ މައްސަލަ އަށް ޖަވާބުދާރީން ވާން ފައްޓަވައިފި.
    11:36

    ޑީއާރުޕީގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީން އުޅެނީ މަޖިލީހަށް އަތް ގަދަކޮށް ޖޭއެއްސީއަށްވެސް އަތް ގަދަ ކުރަން ކަމަށް. އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް އެ މެންބަރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުން.
    11:19

    އެމްޑީޕީގެ މެންބަރު ހުސެން ވަހީދު ދެންމެ ވިދާޅުވީ އަބްދުﷲ ޝާހިދަށް އޭނާގެ އިތުބާރު އެބަ އޮތް ކަމަށް. އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ 27 މެންބަރަކު ސޮއިކޮށް.
    11:14އަހުމަދު ޝިޔާމް މުހަންމަދު؛ މީދޫ ދާއިރާ

    ޝާހިދަކީ ރައީސްއެއްގެ ގޮތުގައި މަޖިލީހުގައި އިނުމަށް މި ވަގުތު އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ވިދާޅުވި. އަދި މަސައްކަތް ކުރައްވާފައި ވަނީ އެ މަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ކަމަށް ވިދާޅުވި. އަދި ޝާހިދުގެ މައްޗަށް އިތުބާރުދީ ވޯޓު ދިނުމަށް ހުރިހާ މެންބަރުންނަށް ގޮވާލެއްވި.
    11:12ވީޝާމް އަލީ

    މަޖިލީހުގެ ރައީސް އަށް އޮތް ތާއީދު މިއަދު އެނގިގެން ދާނެ ކަމަށް ވިދާޅުވި. އެމްޑީޕީން އަބަދުވެސް މަޖިލީހުގެ ރައީސްގެ ގޮނޑިހުސް ކުރަން މަސައްކަތް ކުރާކަމަށް ވިދާޅުވި.
    11:08ނަޝީދު؛ ނޮޅިވަރަމް ދާއިރާ

    މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިދަޑިވަޅުގައި ނެގުން މުހިންމު ނޫންކަން ފާހަގަކުރެއްވި. މަޖިލީހުގެ މަސައްކަތްތައް ފުނިޖެހިފައިވާއިރު އެ މަސައްކަތްތަކައިގެން އުޅުން މާމުހިންމު ކަމަށް ވިދާޅުވި. އަދި ވިދާޅުވީ މިއީ ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށް.
    11:06

    މަޖިލީހުގެ ޖަލްސާ އިންޓަވަލްއަށް ފަހު އަލުން ފަށައިފި. މިހާރު ވާހަފުޅު ދައްކަވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް).
    11:04

    ބަހުސް ނިމިއްޖެ ނަމަ 1:30 ގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުންއޮންނާނެ. އެއަށް ވުރެ ބަހުސް ދިގުވެއްޖެ ނަމަވެސް ޖަލްސާ ނިންމާލާނީ ވޯޓަށް އަހާފައި ކަމަށްވެސް ރިޔާސަތުން ވަނީ އިއުލާންކޮށްފައި.

    10:29

    އިންޓަވަލްއަށް ޖަލްސާ ވަނީ މެދުކަޑާލައިފައި. 11 ޖަހާއިރު ޖަލްސާ ފަށާނެ ކަން އިއުލާން ކުރައްވަމުން ނާޒިމް ވިދާޅުވީ ޖަލްސާ ފެށުމަށް ފަހު ފުރަތަމަ ފުރުސަތު ދެއްވާނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް ކަމަށް.
    10:15މޫސާ މަނިކު؛ ހުޅު ހެންވޭރު ދާއިރާ

    ޕިއްލޭ ގެނެސްގެން މަޖިލީހުގައި ލާދީނީ ވާހަކަ ދެއްކީ ޝާހިދު ކަމަށް ވިދާޅުވި. އަދި އެމްޑީޕީން އެއިރެއްގައި ސިޔާސީ ގޮތުން ކުރަން ޖެހުނު ކަމެއް ކުރާނެ ކަމަށް ވިދާޅުވި.
    10:12އަހުމަދު އީސާ؛ ކެދިކުޅުދޫ

    އޭނާ ވިދާޅުވީ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދީ ސީރިއަސް މައްސަލަތަކެއް އަބްދުﷲ ޝާހިދާ މެދު ހުރެގެން ކަމަށް. އަދި އެއީ ކުރަންވެއްޖެ ކަމެއްކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވި. އަދި އެވާހަކަ އެންމެ ފުރަތަމަ ދެއްކީ ޕީޕީއެމްއިން ކަން ފާހަގަކުރެއްވި.
    10:10މަހުލޫފު؛ ގަލޮޅު ދެކުނު ދާއިރާ

    އަބްދުﷲ ޝާހިދުގެ އިތުބާރު އޮތް ކަމަށް އޭނާވެސް ވިދާޅުވި. އަދި އަބްދުﷲ ޝާހިދަށް ކަމެއް ޖެހުނު ހިނދު ހުންނާނީ އަބްދުﷲ ޝާހިދުގެ ފަހަތުގައި ކަމަށް ވިދާޅުވި.
    10:07އަލީ އާޒިމް؛ މެނދުހެންވޭރު

    މަޖިލީހުގެ ރައީސްގެ މައްސަލައަކީ ވެއްދޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި. އަދި އެ މައްސަލަ އަބުރާ ގެންދިޔުމަށް އެމްޑީޕީއަށް ގޮވާލެއްވި. އަދި އަބްދުﷲ ޝާހިދުގެ މައްސަލަ ވެއްދީ ޑީއާރުޕީއާ ދެކޮޅަށް ކަމަށް ވިދާޅުވި. އަދި އެމްޑީޕީން ގޮތްހުސްވެގެން ކަމަށް ވިދާޅުވި.
    10:04ރިޒާ؛ ގުރައިދޫ ދާއިރާ

    މަޖިލީހުގެ ރައީސް އަކީ އިންސާނަކަށް ވުމުން ކަންތައްތަކެއް ކުރެވިފައި ހުރެދާނެ ކަމަށް. އެކަމަކު އެއީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި. އަދި ޝާހިދު މަޖިލީހުގެ އުނދަގޫ ވަގުތު ތަކުގައި ކެތްތެރިކަމާ އެކު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި. އޭނާ ވަނީ ޝާހިދަށް ތާއީދު އޮތް ކަން ހާމަކުރައްވާފައި.
    09:56މުހަންމަދު ރިޔާޒު؛ ދާންދޫ ދާއިރާ

    އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަން ހަލާކުވެގެން ދަނީ އެމްޑީޕީން ކުރާ ކަމަކުން ނޫންކަމަށް. އަދި އަބްދުﷲ ޝާހިދުގެ މައްސަލަތަކެއް މީގެ ކުރިން ފެންމަތިކުރީވެސް އެމްޑީޕީން ނޫންކަމަށް ވިދާޅުވި. އަދި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރުނެތް ކަމަށް ވިދާޅުވި. އަދި މި ސަރުކާރުން ރޫޅިގެން ދާންޖެހޭކަން ތަކުރާރުކޮށް ވިދާޅުވި.
    09:52

    ސަރުކާރުގެ އިއްތިހާދުގެ މެންބަރުން މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޝާހިދަކީ ގާބިލް ބޭފުޅެއް ކަމަށް. އަދި އެމްޑީޕީން ޝާހިގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެނީ އެމްޑީޕީން ހަދާނެ ގޮތެއް ނެތިގެން ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވި. އަދި ސަރުކާރުގެ ކޯލިޝަން ރޫޅާލުމަށް އެމްޑީޕީން ކުރާ ކަމެއްކަމަށްވެސް ވިދާޅުވި.
    09:49

    މަޖިލީހުގެ ތަޅުން ވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައި. ނައިބު ރައީސް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މެންބަރުންނަށް އިރުއިރުކޮޅުން ހަދާންކޮށްދެއްވަމުން.
    09:41

    ޝާހިދު މީގެ އިރުކޮޅެއް ކުރިން ވަނީ އޭނާގެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގެންފައި. އޭނާ ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބުދާރީ ވުމުގެ މައްސަލައިގައި މަޖިލީހުގެ ގަވާދިގެ 25 ވަނަ މާއްދާއަށް އަމަލުނުކުރަން ނިންމެވީ އެޕްރީލް 16 ގައި ބޭއްވި ޖަލްސާގައި އެއްވެސް މެންބަރަކު އިއުތިރާޒް ކުރައްވާފައި ނުވާތީ ކަމަށް. އަދި އެމްޑީޕީގެ މެންބަރަކު އެކަމަށް އިއުތިރާޒް ނުކުރައްވާކަން ފާހަގަ ކުރެއްވި. ޝާހިދުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު އަމަލުކުރެއްވި ގޮތް.