އަލަށް އިފްތިތާހުކުރި އިންޑިޔާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ލައިން އާންމުންނަށް ހުޅުވައިލައިފިއެވެ.

އެ ހިދުމަތް ދިނުމުގެ ގޮތުން ފުރަތަމަ ފަށައިފައި ވަނީ ކޮލްކަތާގެ އާންމު އޮޕަރޭޝަންތަކެވެ. މެޓްރޯގައި ދަތުރު ކުރުމަށް ގިނަ ބަޔަކު ކިޔޫގައި ޖެހިގެން ތިބި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކޮލްކަތާގެ އީސްޓް-ވެސްޓް މެޓްރޯ ކޮރިޑޯގައި ހުންނަ ހާވަރާ މައިދާން ސްޓޭޝަނުން ރޭލެއް ދަތުރު ފެށީ އިއްޔެ ހެނދުނު 7:00 ގައެވެ. އަދި އެސްޕްލޭނޭޑް ސްޓޭޝަނުން އެއްފަހަރާ އިތުރު ރޭލެއްގެ ދަތުރުވެސް ފެށިއެވެ.

އެ މެޓްރޯ ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު 12 މިނެޓާއި 15 މިނެޓަކުން ދަތުރުތައް ކުރާނެއެވެ. ކޮންމެ ދުވަހެއްގެވެސް އެންމެ ފަހު މެޓްރޯ ދަތުރުކުރާނީ ރޭގަނޑު 9.45 ގައި ދެ ސަރައްދަކުންނެވެ.

ކަނޑުއަޑީގެ މެޓްރޯގެ ހިދުމަތް ފައްޓަވައިދެއްވީ މި މަހުގެ ހަ ވަނަ ދުވަހު އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީއެވެ. މޯދީ ވަނީ އެ މެޓްރޯގައި ދަތުރުވެސް ކުރައްވައިފައެވެ. ފުރަތަމަ ދަތުރުގައި މޯދީގެ އިތުރުން ސްކޫލް ކުދިންވެސް ބައިވެރިކޮށްފައިވެއެވެ.

ކޮލްކަތާގެ އާ ކަނޑުއަޑީގެ މެޓްރޯގެ ދިގުމިނަކީ 16.6 ކިލޯމީޓަރެވެ. ގާތްގަނޑަކަށް 10.8 ކިލޯމީޓަރު ބިމުގެ އަޑީގައި ހައުރަ މައިދާނުން ފެށިގެން ފުލްބަގަންއާ ހަމައަށް ދަތުރުކުރާއިރު، އޭގެ ތެރޭގައި ކޯރުގެ ދަށުގައި ހަދާފައިވާ ޓަނަލް ހިމެނެއެވެ. މިއީ އިންޑިއާގެ އެންމެ ފުން ޓަނަލްއެވެ.

މި ރޭލުގައި ބޭނުންކުރަނީ މޮޓޯމަން ބަޓަނަކަށް ފިތާލުމުން ރޭލު ދެން އޮންނަ ސްޓޭޝަނަށް ކުރިއަށްދާ އެންމެ ޒަމާނީ ނިޒާމެއް ކަމަށްވާ އޮޓޮމެޓިކް ޓްރެއިން އޮޕަރޭޝަން (އޭޓީއޯ) އެވެ. ކަނޑުއަޑީގެ މެޓްރޯގެ ޓިކެޓްގެ އަގުތައް ފެށެނީ ފުރަތަމަ ދެ ކިލޯމީޓަރަށް އެންމެ ފަސް ރުޕީސް އިންނެވެ.