16 Mar 2024, 10:59
ހިންދީ ސިނަމާގައި ރަން އަކުރުން އެ ފިލްމީ ތަރިއެއްގެ ނަން ފަވާލެވިފައިވާ ބަތަލާ މަދޫ ބާލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މަދޫބާލާ ބައޮޕިލް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މި ބައޮޕިކް ރަސްމީކޮށް އިއުލާނުކޮށްފައި މިވަނީ މި ފިލްމު އުފައްދާނެކަން އިއުލާނުކުރިތާ ދުވަސްކޮޅެއް ފަހުން މަދޫބާލާގެ އާއިލާއިން ފިލްމު އުފެއްދުމާ ދެކޮޅު ހަދާފައި ވަނިކޮށެވެ.
މި ފިލްމު ގެނެސްދޭން ނިންމާފައި ވަނީ ސޮނީ ޕިކްޗާސް އާއި މަދޫބާލާ އުފައްދާފައިވާ ފިލްމު ކުންފުނި މަދޫބާލާ ވެންޗާސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ.
ހިންދީ ސިނަމާ 60ގެ އަހަރުތަކުގެ ތެރޭ ރީތި ކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި މަޝްހޫރުވި ބަތަލާގެ ހަޔާތުގެ މުހިއްމު ސަފުހާތަކެއް މި ފިލްމުގައި ފެންނާނެކަމަށް ސޮނީ ޕިކްޗާސްއިން ވަނީ ބުނެފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ބަތަލާ އާލިއާ ބަޓްގެ ފިލްމު "ޑާލިންގްސް"ގެ ޑައިރެކްޓަރު ޖަސްމީތު ކޭ ރީންއެވެ.
'ވީނަސް އޮފް އިންޑިއަން ސިނަމާ'ގެ ނަމުން މަޝްހޫރުވި މަދޫ ބާލާ އަކީ އޭރު ހިންދީ ސިނަމާގެ އެންމެ އަގު ބޮޑު ބަތަލާއެވެ.
ކަޅާއި ހުދުގެ ސިނަމާގެ ދުވަސްވަރު ފިލްމު އިންޑަސްޓްރީގައި ކުރިމަތިވި ގޮންޖެހުންތަކާ އެކު މަދޫބާލާގެ ހަޔާތުގެ ފަހު ދުވަސްތައް ބަތަލާ ހޭދަކުރިގޮތް ވެސް މި ބައޮޕިކްއިން ބެލުންތެރިންނަށް ފެންނާނެކަމަށް ސޮނީ ޕިކްޗާސްއިން ވަނީ ބުނެފައެވެ.

ކުރީގެ ފިލްމީތަރިން ކަމަށްވާ މަދޫބާލާ އަދި ދިލިޕް ކުމާރު-- ފޮޓޯ/ފިލްމުފެއަނިވްސް
މި ފިލްމުގައި ކޯ- ޕްރޮޑިއުސަރުންގެ ގޮތުގައި މަދޫބާލާގެ ދައްތަ މަދުރު ބްރިޖް ބުޝަން އަދި މަދޫބާލާ ވެންޗާސްގެ ފަރާތުން އަރުވިންދު ކުމާރު މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެކުރިން މި ފިލްމުން ބަތަލާ ކްރިތީ ސެނޮން މަދޫބާލާގެ ރޯލްއިން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް ސޮނީ ޕިކްޗާސްއިން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރާ ކައިވެނިކޮށް އެ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވެ މަދޫބާލާ ދުނިޔެދޫކޮށްފައި ވަނީ އުމުރުން 36 އަހަރުގައި 1969ވަނަ އަހަރުއެވެ. މަދޫބާލާގެ މަޝްހޫރު ފިލްމުތަކުގެތެރޭ "މުގްލޭ އާޒަމް"، "ޗަލްތީ ކާ ނާމް ގާޅީ" އަދި "މެހެލް" ހިމެނެއެވެ.