މި އަހަރުގެ ކުރީކޮޅު ދ. ކުޑަހުވަދޫގައި ރަހުމް ކުޑަގޮތަކަށް މަރާލި އެ ރަށު ސަމަންދަރުގޭ، އަލީ ހަސަން،76، (އައްޔުބޭ) މަރާގުޅިގެން ދައުވާލިބޭ ތިން ކުޑަކުދިންގެ ކިބައިން ބޭނުން ވަނީ މަރަށް މަރުހިފުން ކަމަށް އައްޔުބޭގެ ބައެއް ވާރިސުން ޖުވެނައިލް ކޯޓުގައި ބުނެފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އައްޔުބޭގެ މަރުގެ މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހަށް އައްޔުބޭގެ ފަސް ވާރިސަކު ކޯޓަށް ހާޒިރުކޮށް އެމީހުންގެެ ބަޔާން ނެގިއިރު ދައުވާ ލިބޭ ތިން ކުޑަކުދިންގެ ކިބައިން ވެސް ބޭނުން ވަނީ މަރަށް މަރުހިފުން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ބާކީ ތިބި ހަތަރު ވާރިސުންގެ ބަޔާން ނެގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޔުބޭގެ މަރާގުޅިގެން ދެ ކުއްޖެއްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ ކުދިން ވަނީ ދައުވާއަށް ޝަރީއަތުގައި އިއުތިރާފު ވެފަ އެވެ. އަނެއް ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އަށް ޖަވާބުދާރީ ވުމަށް އެކުއްޖާ އަށް ފުރުސަތު ދިނުމުން އޭނާ ބުނެފައި ވަނީ ޖަވާބުދާރީ ވެވޭނީ ވަކީލަކާ އެކު ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރާކަމެއް ވެސް އަދި އިއުތިރާފްވާ ކަމަށް ވެސް އޭނާ ބުނެފައެއް ނުވެ އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެ ކުއްޖާ އަށް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަކީލަކު އައްޔަން ކުރެވިފައި ނުވާތީ ވަކީލަކު އައްޔަން ކުރަން އެންމެ ފަހު ފުރުސަތެއްގެ ގޮތުން މާދަމާ ބާއްވާ ޝަރީއަތުގެ މަޖިލީހަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.

އައްޔުބޭގެ މަރާގުޅިގެން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު މާވެލި، އިބްރާހިމް ވަސީމް އާއި، އެރަށު ރަނަކުރި، އިބްރާހިމް މާޖިދުއާއި ހަމަ އެރަށު ފަނަސް، ފައުޒާން މުހައްމަދުގެ މައްޗަށެވެ.

އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ޝަރީއަތުގައި ދައުވާއަށް އިއުތިރާފް ވެފަ އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ މާޖިދުއާއި ފައުޒާންގެ ޝަރީއަތް އަދި ފަށާފައި ނުވެ އެވެ.