04 Jun 2012, 21:08
ބަރލިން (ޖޫން 4): ޖަރުމަނުން އިސްރާއީލު ގަނެފައިވާ ޑޮލްފިން މަރުކާގެ ސަބްމެރިންތަކުގައި ނިއުކްލިޔާ މިސައިލް ހަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެވެ.
ޖަރުމަނުގައި ނުކުންނަ މަޝްހޫރު މަޖައްލާއެއް ކަމަށްވާ "ޑީރުޝްޕީގަލް" ބުނި ގޮތުގައި ސަބްމެރިންތަކުގައި އިސްރާއީލުން ހަރުކޮށްފައި ވަނީ ނިއުކްލިޔާ ވޯހެޑް އެކުލެވޭ ކްރޫޒް މިސައިލެވެ. މިމަޖައްލާ ބުނާ ގޮތުން މިދިޔަ އަހަރު ޖަރުމަނުން ގަތް ޑޮލްފިން މަރުކާގެ ސަބްމެރިންތަކުގައި އިސްރާއީލުން ނިއުކްލިޔާ މިސައިލް ހަރުކުރާނެކަން ޖަރުމަނު ސަރުކާރަށް ކުރިން ވެސްއެނގެ އެވެ. ނަމަވެސް ޖަރުމަނު ސަރުކާރުން ވަނީ މިކަން ކުރިން އެނގޭކަން ރަސްމީކޮށް ދޮގުކޮށްފަ އެވެ. ޖަރުމަނުން އިސްރާއީލު ގަނެފައި ވަނީ ޑޮލްފިން މަރުކާގެ ތިން ސަބްމެރިން އެވެ.
މިއީ ދުނިޔޭގައި މިހާރު ހުރި އެންމެ ޤާބިލް ސަބްމެރިންގެ ތެރޭގައި ހިމެނޭ މަރުކާއެއްކަ މަށް ޢަސްކަރީ ތަޖްރިބާކާރުން ސިފަކުރެ އެވެ. މީގެ އިތުރުން އިތުރު ތިން ސަބްމެރިން ގަތުމަށް ވެސް އިސްރާއީލު ވަނީ 2011 ގައި ޖަރުމަނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިސަބްމެރިންތައް އުފެއްދުމަށް ފަހު އިސްރާއީލާ ޙަވާލުކުރުމަށް ޖަރުމަނުން ނިންމާފައި ވަނީ 2017 ގަ އެވެ. މިއިން ކޮންމެ ސަބްމެރިންއެއްގެ އަގު 168 މިލިޔަން ޑޮލަރަށް އަރާކަމަށް ޚަބަރުލިބެ އެވެ. އިސްރާއީލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޤަވާއިދުތަކަށް ގޮންޖަހައި ނުކިޔަމަންތެރިކަން ދައްކަމުންގެންދާ ހަރުކަށި އިސްތިޢްމާރީ ޤައުމެކެވެ.
މިގޮތުން ނިއުކްލިޔާ ފެތުރުން މަނާކުރާ މުޢަހަދާގައި ވެސް ސޮއިކުރުމަށް ދެކޮޅު ހެދުމަށް ފަހު އިސްރާއީލު ވަނީ ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ފަހު އެހަތިޔާރުން އަވަށްޓެރި ޤައުމުތަކަށް ބިރުދައްކަން ފަށާފަ އެވެ. އަދި އިސްރާއީލު ވަނީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތައް ހިފުމަށް ފަހު ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ވަޒަންވެރިކުރުވުމުގެ މަސައްކަތް މީގެ އެތައް އަހަރެއްގެ ކުރިން ފަށާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުން އިސްރާއީލަށް ޑޮލްފިން މަރުކާގެ ސަބްމެރިން ވިއްކީ ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓާލުން ޝަރުތުކޮށްފަ އެވެ. ނަމަވެސް މިޝަރުތާ އިސްރާއީލު ޚިލާފުވެފައިވީ ނަމަވެސް ޖަރުމަނުގެ ސަރުކާރުން މިކަމާ އަޅާލާފައިނުވާ ކަމަށް "ޑީރުޝްޕީގަލް" މަޖައްލާ ބުނެ އެވެ. (އަލްޖަޒީރާ)