Last Updated: 1 decade 3 year ago
ފުލުހުން ބުނީ މިރޭ 8:15 ހާއިރު ޒަޚަމްކޮށްލި ޒުވާނާއަށް ފަރުވާ ދިނުމަށް އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅި ހަރާފައިވަނީ އެ ޒުވާނާގެ ކަރަށެވެ.
އަލިކިލޭގެފާނުމަގު ކޮލެޖް ފިހާރަ ކުރިމަތީ ހިނގި އެހާދިސާގައި ޒުވާނާގެ ގައިން ފޭބި ގިނަ އަދަދެއްގެ ލޭ އެސަރަހަށް އެޅި ފައި ހުރި މަންޒަރު ސަންގެ ނޫސް ވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.
މިރޭ ފުރަތަމަ ހަމަލަދީފައިވަނީ އަލިކިލޭގެފާނުމަގު ކޮލެޖް ފިހާރަ ކުރިމަތިން 8:15 އެހާކަން ހާއިރު، ބްލޮގާ އިސްމާއިލް ހިލްއަތު ރަޝީދު، 37، އަށެވެ. އަދި ދެވަނަ ހަމަލަދިނީ މިރޭ 11:15 އެހާކަން ހާއިރު މާލޭ އެއް ނަމްބަރު ކުނި ކޮށި ކައިރިން ބިދޭސީ އަކަށެވެ. ފުލުހުން ބުނީ ލިބިފައިވާ ގޮތުގައި ވަޅި ޖަހާފައިވަނީ ބަންގުލަދޭޝް މީހާގެ ބުރަކަށްޓަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
މިރޭގެ ފުރަތަމަ ހަމަލާގައި ޒަޚަމްކޮށްލި ހިއްލަތަށް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ކަމަށް އޭރު އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިޖަހަފައިވަނީ ހިއްލަތުގެ ކަރަށެވެ. އަދި އޭނާގެ ގައިން ފޭބި ގިނަ އަދަދެއްގެ ލޭ ވަނީ އެސަރަހައްދަށް އެޅިފަ އެވެ.
ހިއްލަތު އެމަޖެންސީ ރޫމުން ނެރިގެން ތިޔޭޓަރަށް ބަދަލު ކުރިއިރު އޭރު އޮތީ ލޯހުޅުވައިގެނެވެ. އޭރު އޭނާގެ ކަރުމަތީގައި ފޮތިގަނޑެއް އަޅައި އޮތީ ނިވާކޮށްފަ އެވެ.
އެ ދެ ހަމަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްުޔަރުކޮށްފައެއް ނުވެއެވެ.
މިރޭ ދެމީހަކަށް ހަމަލަދީ ޒަޚަމްކޮށްލާފަވާއިރު، މިމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު އުމުރުން 16 އަހަރުގެ ކުއްޖަކަށް ލޮރެންޒޯ ޕާކް ތެރެއިން ހަމަލަދީ މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. އަދި ހަމަ އެދުވަހުގެ އިރުއޮއްސުނުއިރު ނ. މާފަރުގެއެއްގެ ތެރޭ އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. މިއަހަރުގެ އޭޕްރީލް މަހު މަރާލާފައި އޮއްވައި ފެނުނު އުމުރުން ދުވަސްވީ އަންހެނެއްގެ މަރުގެ މައްސަލަ ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.