ހާމަކަންބޮޑުކޮށް އިންތިޚާބުގެ ކަންކަން ގެންދިއުމަށާއި ހަރަދު ކުޑަކުރުމުގެ ގޮތުން ގައުމީ އަދި ސަރަހައްދީ އިންތިޚާބުތައް އެއްފަހަރާ ކުރިއަށް ގެންދިއުމަށް އިންޑިޔާގެ ކުރީގެ ރައީސް ރާމް ނާތު ކޮވިންދު އިސްކޮށް ހުންނަވައިގެން އިންޑިއާ ސަރުކާރުން އައްޔަންކޮށްފައިވާ ކޮމިޓީއަކުން ސަރުކާރަށް ހުށަހަޅައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ އިންޑިޔާގައި 1.4 ބިލިއަން މީހުން ދިރިއުޅޭއިރު، އެ ގައުމުގެ 28 ސްޓޭޓެއްގެ މަޖިލީހާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބާއްވައެވެ. އެ ދެ މަޖިލީހަށް ވެސް ފަ އަހަރުގެ ދައުރެއް ލިބެއެވެ.

ކޮމިޓީގެ ނިންމިގޮތުގެ ރިޕޯޓު ކޮވިންދު ވަނީ ރައީސާ ދުރުޕަތީ މުރުމުއަށް ހުށަހަޅުއްވައިފައެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިންތިޚާބުތައް އެއްފަހަރާ ކުރިއަށް ގެންދިއުމަށް ހުށަހެޅީ 47 ސިޔާސީ ޕާޓީއަކާއި އިގްތިސާދީ މާހިރުންނާއި އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ މަޝްވަރާކޮށްފައެވެ.

ޖުމުލަ 32 ސިޔާސީ ޕާޓީއަކުން އެ ހުށަހެޅުމަށް ތާއީދުކުރިއިރު، މައި އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ހިމެނޭ ގޮތަށް އިތުރު 15 ޕާޓީއަކުން އެ ހުށަހެޅުމާ ދެކޮޅު ހަދާ ކަމަށް ރިޕޯޓުގައިވެއެވެ.

"އެއް ގައުމެއް، އެއް އިންތިޚާބެއް"ގެ ނަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އެކުލަވާލައިފައިވާ އެ ކޮމިޓީއަކީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެކުލަވާލައިފައިވާ ކޮމިޓީއެކެވެ.

ނުވަ މެންބަރުން ހިމެނޭ އެ ކޮމެޓީގައި ހޯމް މިނިސްޓަރު އަމީތު ޝާހުގެ އިތުރުން މަޖިލީހުގެ އެހެން މެންބަރުންނާއި އިދިކޮޅު ލީޑަރުން ވެސް ހިމެނެއެވެ.

އެތައް މިލިއަން ފަގީރުންނެއް އުޅޭ އިންޑިޔާގެ އިންތިޚާބުތަކަކީ ދުނިޔޭގެ އެންމެ ހަރަދު ބޮޑު އިންތިޚާބުތަކުގެ ތެރޭގައި ހިމެނޭ އިންތިޚާބުތަކެކެވެ.

ނިއު ދިއްލީގެ ސެންޓާ ފޯ މީޑިއާ ސްޓަޑީޒްއިން ބުނީ 2019 ވަނަ އަހަރުގެ ބޭއްވި އާންމު އިންތިޚާބުގައި އެ ސްޓޭޓާއި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ޖުމްލަ އަށް ބިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.