15 Mar 2024, 11:52
ފަލަސްތީނުގެ އާ ބޮޑު ވަޒީރަކަށް ރައީސް މަޙްމޫދު އައްބާސްގެ ގާތް އެކުވެރިއެއް އަދި ވިޔަފާރިވެރިއެއް ކަމަށްވާ މުޙައްމަދު މުސްތަފާ މުޙައްމަދު އައްޔަންކޮށްފިއެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިސްލާހުކުރުމަށް އެހީތެރިވުމުގެ މެންޑޭޓެއް ވެސް މަޙްމޫދު ވަނީ ހުށަހަޅުއްވައިފައެވެ.
ބޮޑު ވަޒީރު ކަމަށް މުސްތަފާ އައްޔަންކުރައްވައިފައިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނު ސަރަހައްދުތަކުގެ ވެރިކަންކުރާ ފަރާތްތައް ބަދަލުކޮށް ހުޅަނގު އައްސޭރީގެ ވެރިކަން ރަނގަޅުކުރުމަށް ޕީއޭއަށް ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސްގެ ހައިސިއްޔަތުން އައްބާސް އަދިވެސް ހުންނެވީ ފަލަސްތީނުގެ އޮތޯރިޓީގެ އެންމެ ބާރުގަދަ ވެރިޔާގެ ގޮތުގައެވެ. ނަމަވެސް އާ ސަރުކާރެއް އައްޔަންކުރުމަކީ ވެރިކަމަށް ބަދަލު ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވައިލަމުން އަންނަ ގޮވައިލުމަށް އިޖާބަދޭން ބޭނުންވާކަން ދައްކައިދޭ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ފަލަސްތީނުގައި މީގެ ކުރިން ހިނގަފައިވާ ހަމަނުޖެހުންތަކުގައި ވެސް ޣައްޒާ އަލުން ބިނާކުރުމުގައި އެހީތެރިވެދެއްފައިވާ މުސްތަފާ އަނެއްކާ ވެސް އެ ހަވާލުވެވަޑައިގެންނެނީ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނެސް އަލުން އާރާސްތުކުރުމަށް ކަމަށް ފަލަސްތީނުގެ ދައުލަތުގެ ނޫސް ކަމަށްވާ، ވަފާ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި، ޕީއޭގެ މުއްސަސާތައް އިސްލާހު ކުރުމަކީ ވެސް މުސްތަފާގެ ޒިންމާއެއް ކަމަށް އެ ނޫހުން ބުނެއެވެ.
ބޮޑު ވަޒީރު ކަމަށް މުސްތަފާ އައްޔަންކުރައްވަފައިވަނީ ކުރީގެ ބޮޑު ވަޒީރު މުޙައްމަދު ޝްތައްޔާ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މީގެ 30 އަހަރު ކުރިން އޮސްލޯ އެއްބަސްވުންތަކުގެ ނަމުން މަޝްހޫރު ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އުފެއްދި ޕީއޭ އަކީ ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި ވެރިކަން ކުރާ ޕާޓީއެވެ. ނަމަވެސް ހަނގުރާމަ ނިމުމުން ޣައްޒާ ހިންގުމުގައި އިސްދައުރެއް ޕީއޭއިން ވެސް އަދާކުރާނެއެވެ.
އައްބާސްގެ ފަތަހަ ސިޔާސީ ފެކްޝަނުން ކޮންޓްރޯލްކުރާ ޕީއޭއަކީ ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ގުޅުން އޮންނަ ޕާޓީއެކެވެ. ނަމަވެސް 2007 ވަނަ އަހަރު ދެ ޖަމާއަތުގެ ދެމެދުގައި ހަމަނުޖެހުން އުފެދެން ފެށީ ޣައްޒާގެ ވެރިކަން ހަމާސްއިން ނެގުމުންނެވެ.