04 Jun 2012, 18:19
އެމްޑީޕީގެ ލީޑަޝިޕުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު، ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލެއްވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަދި ނައިބު ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީ އިން ބުނި ގޮތުގައި އެ ދެ މަގާމުގެ އިންތިހާބު އޮންނާނީ އަންނަ އޯގަސްޓް މަހު 31ގަ އެވެ.
އެމްޑީޕީން ބުނީ އެ ދެ ބޭފުޅުންގެ ކެންޑިޑެންސީ އާ މެދު އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އެ ފަރާތްތަކުގެ ކެންޑިޑެންސީ ސައްޙަކަން ނުވަތަ ނޫން ކަން އިއުލާން ކުރާނެ ކަމަށެވެ.
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ގަވައިދު ބުނާ ގޮތުން ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 300 މެންބަރުންގެ ތާޢީދުއޮތް ކަން ހުށަހަޅަން ޖެހެ އެވެ.