04 Jun 2012, 18:06
ނޫސްވެރިންނާއި ލިޔުންތެރިންގެ ދަފްތަރެއް އެކުލަވާލުމަށް ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ނޫސްވެރިންނާއި ލިޔުންތެރިންނަށް އެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އެޑިޕާޓްމަންޓް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ގައުމީ ކުތުބުހާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމް މިއަދު ވިދާޅުވީ މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ޑިޕާޓްމަންޓަށް ގޮސް އެމީހަކާ ބެހޭ މައުލޫމާތުތައް ދިނުމުން އެމީހަކު ދަފްތަރުގައި ރަޖިސްޓްރީވާނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރު ކުރުމަކީ އެޑިޕާޓްމަންޓުން ކުރަންޖެހޭ މަސައްކަތެއް ކަމުގައިވާ އިރު އެ ދާއިރާގައި ހިމެނޭ މީހުންނަށް އެހީތެރިވެދިނުމަކީ ވެސް އެ ޑިޕާޓްމަންޓުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ އެހީތައް ފޯރުކޮށްދިނުމުގައި އިސްކަމެއް ދެއްވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ތިބި މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ނޫސް ވެރިންނާއި ލިޔުންތެރިން ދަފްތަރުކުރުމަކީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ މަސައްކަތެއް. މިފަދަ ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީ އާއި އެހެނިހެން ތަރައްގީ އާއި ކަންތައްތައް ކޮށްދިނުން،" ޝިޔާމް ވިދާޅުވި އެވެ.
މީޑިއާތަކުގެ ދަފްތަރެއް އަލުން އެކުލަވާލުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އެދަފްތަރު އެކުލަވާލާނީ މީޑިއާ ކައުންސިލް އިންތިހާބް ކުރުމުގެ މަސައްކަތްތަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.