14 Mar 2024, 22:23
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްއިން ޑޯޓްމުންޑް ޖާގަހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދުހޯވެންއާ ބައްދަލުކޮށް ތިން ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ޕީއެސްވީގެ ދަނޑުގައި ކުޅެ އެއް ލަނޑު އެއް ލަނޑުން ދެޓީމް އެއް ވަރުވީއިރު ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ޑޯޓްމުންޑްއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްވީއިންނެވެ. ނަމަވެސް މިއާއެކުވެސް ޕީއެސްވީއަށް ޑޯޓްމުންޑްގެ ޑިފެންސް ފޫއަޅުވާ ލެވޭގޮތެއް ނުވިއެވެ. މިމެޗުގެ ފެށުން ދިޔައީ ޑޯޓްމުންޑްއިން އެންމެ ބޭނުންވިގޮތަށެވެ. މިގޮތުން މެޗުގެ ތިންވަނަ މިނެޓުގައި އެޓީމުންވަނީ ލަނޑެއް ޖަހާ މެޗުގެ ކުރީކޮޅު ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޭޑަން ސަންޗޯއެވެ.
މިމެޗުގައި ޑޯޓްމުންޑްއަށް ދެވަނަ ލަނޑެއް ޖެހުނު ކަމަށް ހީވިނަމަވެސް ނިކްލަސް ފުލްކުރޫގް ލަނޑު ޖެހުމަށް އުފެއްދި ހަމަލާގައި އޮފްސައިޑް ވެފައިވުމުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިމެޗުގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަަނަ މިނެޓްގައި ޕީއެސްވީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖަހައިދިނީ މާކޯ ރޮއިސްއެވެ.
މިކާމިޔާބީއާއެކު ޑޯޓްމުންޑްއިން މިވަނީ ތިން އަހަރަށް ފަހު ފުރަތަަމަ ފަހަރަށް މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފައެވެ. ޑޯޓްމުންޑްގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފާވަނީ އެންމެ ފަހުގެ ޗެމްޕިއަން އަދި އިންގްލިޝް ޕްރިމިއާ ލީގަށް ނިސްބަތްވާ މެންޗެސްޓާ ސިޓީ، އެލީގަށް ނިސްބަތްވާ އާސެނަލް، ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް، ޖަރުމަނު ބުންޑަސްލީގާގެ ބަޔޭން މިޔުނިކް އަދި ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖާމެއިންއެވެ. ކްއާޓާ ފައިނަލްގައި މިއަށް ޓީމު ބައްދަލުކުރާ ގޮތާއި ސެމީފައިނަލްގައި ޓީމުތައް ޖެހޭނެ ގޮތް އެނގޭނީ މިއަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުންނެވެ.