14 Mar 2024, 15:26
ރިޔަލުގެ އެހީގައި ދުނިޔެ ވަށައި ބުރުޖެހި ކާގޯ ބޯޓު ހަ މަސް ދުވަހަށްފަހު ދަތުރު ނިންމައިލައިފިއެވެ.
ތިމާވެއްޓާއި ރައްޓެހި އެއާ ޓެކްނޮލޮޖީގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 15 އިންސައްތަ ސަލާމަތްކުރެވުނު ކަމަށް މިޑިއާތަކުން ރިޕޯޓުކުރެއެވެ.
ޕައިކްސިސް އޯޝަންގެ ނަމުން ނަން ދީފައިވާ އެ ކާގޯ ބޯޓުގެ ދަތުރު ފަށައިފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ސިންގަޕޫރުގެ ބަނދަރުންނެވެ.
ބޯޓު ބަނދަރުކޮށްފައި ވަނީ އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ހުރަސްކޮށް، އެމްސްޓަޑާމަށް މިދިޔަ ހަފުތާއެވެ.
ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑާއި އުތުރު އަދި ދެކުނު އެޓްލާންޓިކް ކަނޑުގައި އެ ބޯޓުވަނީ ދަތުރުކޮށްފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ވައިގެ ބޭނުން ހިފުމުގެ ސަބަބުން ދަތުރުތަކުގައި ވިހަ ގޭހެއް ކަމަށްވާ، ކާބަން ޖައްވަށް ދޫކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ.
އެގޮތުން ތިން ޓަނުގެ ތެޔޮ ސަލާމަތްކުރެވިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.