04 Jun 2012, 17:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހއ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްގެން ފުލުހުން ހައްޔަރުކުރި މީހުން އެއްވެސް ޝަރުތެއްނެތި ވަގުތުން ދޫކޮށްލުމަށް މެންބަރަކު ގޮވާލައްވައިފި އެވެ.
ސިވިލްސާވިސް މުވައްޒަފަކު، ސީޔާސީ އިންތިހާބީ މަގާމަކަށް ކުރިމަތިލާ ހިސާބުން އޭނާގެ މަގާމު ހުސްވާނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އުވާލުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ މެންބަރު ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ، ރައީސް ވަހީދު ރަށްރަށަށް އަރާވަޑާއިގަންވާ އިރު ދެކޮޅު ހަދާ ފަރާތްތައް ފުލުހުންނާއި ސިފައިން މެދުވެރިކޮށް "ހުދުމުހުތާރު ކަމާއި އަނިޔާވެރިކަން" ދައްކަމުންދާ ކަމަށެވެ. އަދި އެ އަތޮޅުން ފުލުހުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ މައްސަލަތައް ށ. އަތޮޅުގެ ކޯޓްތަކަށް ގެންގޮސްގެން ފުލުހުން ހިންގާ އަމަލުތައް ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މިގައުމުން ފެނިގެން ދަނީ ޖާހިލިއްޔަ ޒަމާނުގެ އަނިޔާތައް. ހއ. އަތޮޅަށް އަރައި ގަދަކަމުން އަނިޔާވެރިކޮށް ހައްޔަރުކުރި އެންމެން މިހާރުން މިހާރަށް އެއްވެސް ޝަރުތަކާނުލައި ދޫކޮށްލުމަށް ގޮވާލަން. އިދާރީ ދާއިރާތަކަކީ ވަކިން ހިންގަން ޖެހޭ ދާއިރާތަކެއް. އެހެންކަމުން ހޯރަފުށީގައި ނުވަތަ ހއ. އަތޮޅުގައި ހިނގި ކަމެއްގެ ކޯޓު އަމުރު ހޯދުމަށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެތައް އަތޮޅެއް ފަހަނައަޅައި ށ. އަތޮޅަށް ގެންގޮސްގެން ފުލުހުން އެ ހިންގާ އަމަލު ކުށްވެރިކުރަން،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ބަންދުގައި ރައީސް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ އަތޮޅުން 15 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސް ވަހީދުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާކޮށް މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވިދާޅުވެ އަހްމަދު ރަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޑީއާރުޕީގެ މެންބަރު ފުނަދޫ ދާއިރާގެ އަލީ ސަލީމް ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުން ސިވިލްސާވިސް މުވައްޒިފުން އަދިވެސް ސަލާމަތް ވެފައިނުވާ ކަމަށެވެ. އަދި ވަޒީފާތަކުން މީހުން ބޭރުކޮށް ފުލުހުން ފޮނުވައިގެން ގޭގެއަށް ވަދެ މީހުން ހައްޔަރުކޮށް އަނިޔާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުނަދޫގައި ރޭގަނޑު ދަންވަރާއި މީހުން ހުކުރަށް ގޮސްލާ ވަގުތު ސިފައިންނާއި ފުލުހުން އަރާ ރައްޔިތުންނަށް އަނިޔާދެމުން ދިޔައީ. އޭރު ކޮބައިތޯ ހޯރަފުށީ ދާއިރާގެ މެންބަރު. ކިތައް މުއައްޒިފުންތޯ ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީފާ އިން ވަކިކުރީ. އެތައް ބަޔަކު މިއަދު ވެސް އެބަތިބި އެކަމާ ކޯޓުތަކަށް ހިނގަހިނގާ. އަދި ކޯޓުން އެބޭފުޅުންގެ ހައްގުތައް ހޯދައިދީފަ ވަޒީފާދޭށޭ. މުސާރަދޭށޭ ބުނީމާ ވެސް ކިތައް މީހުންތޯ ނިކަމެތި ކުރަމުންދިޔައީ. އިސްލާމްދީނާއި އިސްލާމީ ތައުލީމް ރާއްޖޭން ފޮހެލަން އުޅޭތީ މުޒާކޮށް އަޑުއުފުލަމުން ދިޔަ މީހުންގެ މޫނަށް ކަރުނަގޭސް ޖަހައި މުންޑުބާލައި އޮރިޔާންކޮށް އަނިޔާކޮށްހެދީ،" އަލީ ސަލީމް ވިދާޅުވި އެވެ.