ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު މިހާރު ބޭނުންކުރަމުން އަންނަ، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އެމެރިކާގައި ބޭނުން ކުރުން އެއްކޮށް މަނާކުރެވިދާނެ ފަދަ ބިލެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފާސްކުރި "ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވަސަރީ ކޮންޓްރޯލް އެޕްލިކޭޝަންސް އެކްޓް" ގެ ނަމުން ނަން ދީފައިވާ މި ބިލް ހައުސް އިން ފާސްކޮށްފައިވަނީ ބޮޑު އަޣުލަބިއްޔަކުންނެވެ. އަދި މިހާރު ސެނެޓަށް ވެސް ވަނީ އެ ބިލް ފޮނުވާފައެވެ.

މި ބިލް ގާނޫނަކަށް ވެއްޖެ ނަމަ ޓިކްޓޮކްގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަން ހަ މަސް ދުވަސް ތެރޭގައި ވިއްކާލުމަށް މަޖުބޫރުވާނެއެވެ. އެކަން އެގޮތަށް ނުކުރެވިއްޖެ ނަމަ އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެޕް ސްޓޯރުތަކާއި ވެބް ހޯސްޓިންގެ ހިދުމަތްތަކުން ޓިކްޓޮކް މުޅިން މަނާވާނެއެވެ.

މި ބިލަކީ ޓިކްޓޮކަށް އަމާޒުކޮށް ކޮންގްރެސްއިން ކުރި ފުރަތަމަ މަސައްކަތަށް ނުވި ނަމަވެސް، މި ބިލަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އެމެރިކާއިން އެޅި މި ފިޔަވަޅާ ގުޅިގެން ޓިކްޓޮކުން ބުނީ އެ ގާނޫނަކީ އެމެރިކާގެ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ.

އެ ބިލްގެ ސަބަބުން ވީޑިއޯ ޝެއާކުރުމުގެ ހިދުމަތަށް ބަރޯސާވާ އެމެރިކާގެ އެތައް މިލިއަން ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް ގެއްލުން ވެދާނެ ކަމުގެ އިންޒާރު ވެސް ޓިކްޓޮކުން ވަނީ ދީފައެވެ.

ނަމަވެސް މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޓިކްޓޮކަކީ އެމެރިކާގެ ޔޫޒާ ޑޭޓާއަށް ވަނުމުގެ ފުރުސަތު ޗައިނާ ސަރުކާރަށް ލިބޭ އެޕެއް ކަމަށެވެ. އަދި ދޮގު މައުލޫމާތާއި ޕްރޮޕެގެންޑާއަށް ބާރުއެޅުމުގެ ފުރުސަތު އެ އެޕުން ލިބޭ ކަމަށް ވެސް ބުންޏެވެ.

ރައީސް ބައިޑަން ވިދާޅުވީ އެ ބިލް އެ މަނިކުފާނުގެ މޭޒުދޮށަށް ގެންގޮސްފި ނަމަ އެއްވެސް ލަހެއްފަހެއް ނެތި ތަސްދީގު ކުރައްވާނެ ކަމަށެވެ.

ހައުސްގެ ވޯޓަކީ ޓިކްޓޮކަށް ފާޑުކިޔާ ފަރާތްތަކަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ވޯޓަކަށް ވާއިރު، ސެނެޓުގައި މި ބިލަށް ކުރިމަތިވެފައި ވަނީ ޔަގީން ނުވާ މަގެކެވެ. ބައެއް މެމްބަރުން އެ ބިލާ އިދިކޮޅު ހަދާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވާއިރު، ސެނެޓަރު ރޭންޑް ޕޯލް ވަނީ އެ ބިލު ފާސްކުރުމަށް ހުރަސް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް ވަނީ އޮންލައިންކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އޯވަރީޗް ކުރާ ކަމަށް ބުނެ އެ ބިލަށް ގޮންޖަހާފައެވެ.