ސީސީޓީވީގެ އެހީގައި މާލޭގެ މަގުމައްޗަށް ކުނިއެޅި މީހުން ހޯދައި ޖޫރިމަނާކުރަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ރޯދައަށް ގޭގެ ސާފުކުރުމަށް ފަހު އެއްލައިލައި ކުނި މަގުމަތީގައި ބަހައްޓާ މައްސަލަ މި ފަހުން ވަނީ ބޮޑުވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ސީސީޓީވީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީގައި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ފުލުހަށް ހާޒިރުކޮށް، ޖޫރިމަނާ ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، ނުގަވާއިދުން ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މިގޮތަށް ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުނަސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާ ގުޅިގެން ހޯދައި ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކުރިކަމަށް ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.

ރޯދައަށް ގެތައް ސާފުކުރުމަށް ފަހު، ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މަގު އޮތީ ގޮނޑުކޮށްލައިފައެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މިދިޔަ 18 ދުވަސް ތެރޭ އެކަނި ވެސް އެ ކައުންސިލުން ވަނީ މާލޭ މަގުމަތިން 305.65 ޓަނުގެ ކުނި ނަގައި އުކާލައިފައެވެ. އިއްޔެ އެކަނި ވެސް 42 ޓަނަށްވުރެ ގިނަ ކުނި ނަގައި އުކައިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުނި ނޭޅުމަށާއި، ދިރިއުޅޭ ގެދޮރާއި ތިމާވެށި ސާފުކޮށް ބޭއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ ކުރީ އަހަރުތަކުގައި ވެސް ރޯދަ މަސްތަކުގައި ގެތައް ސާފުކުރުމަށް ފަހު އެއްލައިލައި ކުނިން މަގުތައް ފުރާލައި މައްސަލަ ބޮޑުވެފައިވެއެވެ.