ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ގާއިމްކުރުމަށް ޓަކައި އެމްއެންޑީއެފުން ގެނައި ބައެއް ޑްރޯންތައް އިއްޔެ އުދުއްސައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި އުދުހުންތައް ކުރިއަށް ގެންދިޔައީ ނ. މާފަރުގައި ކަމަށެވެ.

ޑްރޯން ދުއްވުން ކުރިއަށް ގެންދިޔައިރު، މި ކަން ރަސްމީކޮށް އިފްތިތާހުކުރުން އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ތައްޔާރުވެފައެވެ.

މުޅި ރާއްޖޭގެ ކަނޑުގެ ހުރިހާ ސަރަހައްދެއް މެދުކެނޑުމެއްނެތި 24 ގަޑިއިރު ބެލެހެއްޓުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މި މަހު ސަރުކާރުން ފަށައި އެ ނިޒާމު މި މަހު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ މި މާޗު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް [ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ] އެ މަސައްކަތް ފެށޭނެ. ހުއްޓުމެއްނެތި، 24 ގަޑިއިރު ހުއްޓުމެއްނެތި މި ސަރަހަައްދު ބެލެހެއްޓޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މި މަސް ތެރޭ ގާއިމްކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓުގެ ބޮޑުބައިގެ ސަލާމަތް މިއަދާ ހަމައަށް އައިރު ވެސް ނުބެލެހެއްޓޭކަމަށެވެ. ހަމައެކަނި ބެލެހެއްޓެނީ އަތޮޅުތަކުގެ އެތެރެވަރީގެ ކުޑަ މިންވަރެއްކަމަށް ވެސް ވިދާޅުވިއެވެ.

މިއީ ހަގީގީ މިނިވަންކަމާއި، އަމިއްލަ ފައިމައްޗަށް ތެދުވެތިބިކަމުގެ ފުރިހަމަ އިހުސާސް ނުކުރެވޭ ސަބަބު ކަމަށް ވެސް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑްރޯން ގަންނަނީ ތުރުކީއިންނެވެ.