04 Jun 2012, 17:09
ގައުމު ފަސާދައިގެ ތެރެއަށް މި ދަނީ ރާއްޖޭގެ ވެރިކަމަށް އަންނަން ތިބި އެތައް ބަޔަކު ކުރާ ނާޖާއިޒް ކަންތައްތަކާ ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސިވިލްސާވިސް މުވައްޒަފަކު، ސީޔާސީ އިންތިހާބީ މަގާމަކަށް ކުރިމަތިލާ ހިސާބުން އޭނާގެ މަގާމު ހުސްވާނެ ކަމަށް ސިވިލްސާވިސްގެ ގާނޫނުގައި ބުނާ މާއްދާ އުވާލުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސުގައި ވާހަކަ ދައްކަވަމުން ސިޔާމް މިއަދު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ފެނިގެންދަނީ، އެއްބަޔަކު ވެރިކަމަށް އައުމުން ދެންތިބި މީހުން ގަބޫލު ނުކުރެވޭ ވާހަކަތައް ދައްކައި މީހުންގެ ތެރޭގައި ނަފުރަތު އުފެއްދުމުގެ މަސައްކަތް ކުރާތަން ކަމަށެވެ.
ސިޔާމު ވިދާޅުވީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގައި އެކި ދީންތަކުގެ މީހުން އުޅޭއިރު ވެސް ވަޅިހަރައި މީހުންނަށް އަނިޔާކުރާ މަންޒަރު ނުފެންނަ ކަމަށާއި ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައިތިބެ މީހުން މަރައި މީހުންގެ މުދާތައް ފޭރިގަނެ މީހުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ރާއްޖޭގައި ހިންގަމުންދާ ދިއުމަކީ ރައްޔިތުން އެދޭނެ ކަމެއް ނޫން ކަމަށެވެ.
"ކައިރި ގައުމުތަކުގައި ކްރިސް ޓިއަނުންނާއި މުސްލިމުންނާއި ޔަހޫދީންނާއި ހިންދޫންނާއި ބުޑިސްޓުން ފިތި ފިތިގެން މަގުމަތީގައި ހިނގަމުންދާއިރުގައި، މީހުންގެ ބޮލަށް ވަޅިހަރައި މީހުންނަށް އަނިޔާއެއް ނުކުރޭ. އެއީ އިސްލާމީ ގައުމުތަކެއް ނޫން. ނަމަވެސް ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އަޅުގަނޑުމެންގެ ކުޑަކުދިން މަރައި ބޮޑެތި މީހުން މަރައި މީހުންގެ މުދާތައް ފޭރިގަނެ މީހުންގެ ހައްގުތަކަށް އަރައިގަނެ އެއްވެސް ބަޔަކު އަނެއް ބައެއްގެ ހައްގުތަކަށް އިހްތިރާމް ނުކޮށް ދާދިއުމަކީ ރައްޔިތުން އެދޭނޭ އެދުމެއް ނޫން،" ސިޔާމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުތަކަށް ކުރިއެރުމާއި ތަރައްގީ ލިބެނީ އެތަނެއްގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އޮތް މިންވަރަކުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ އެއްވެސް ވެރިއަކު ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރެއިން ވެރިކަން ކޮށްފައިނުވާ ކަމަށާއި ގާނޫނުތަކަށް ކިޔަމަންނުވެއްޖެ ނަމަ ރައްޔިތުން ދާނީ ފަގީރުވަމުން ކަމަށެވެ.
"އަޅުގަނޑުގެ އުމުރުން ސާޅީސް އަހަރުވެގެން ދިޔަ އިރުގައި އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ އެއްވެސް ރައްޔިތަކު ހޮވާފަތިބި ވެރިންނެއް ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރެއިން ވެރިކަން ކުރާ މަންޒަރެއް. ގާނޫނުތަކަށް ކިޔަމަންވާން އެބަޖެހޭ. އެހެން ނޫން ނަމަ ދާނީ ރައްޔިތުންދާނީ ފަގީރުވެގެން،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގައި ކޮންމެ ބޭފުޅަކު ވާހަކަ ދެއްކެވި ނަމަވެސް ފެނިގެން ދަނީ ޣީބަ ބުނާތަން ކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭގޮތް ނޫން ކަމަށް ވިދާޅުވެ އެގޮތަށް ކަންތައް ނުކުރުމަށް ސިޔާމު ގޮވައިލެއްވި އެވެ.