13 Aug 2010, 19:49
00:50
މަގާމުގައި ހުންނެވިއިރު ސިޔާސީ ކަންތައްތަކުގައި ބައިވެރިވެވަޑައިގެންނެވިކަމުގެ ކުށް ޖެނެރަލް ސަރަތު ފޮންސޭކާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ލަންކާގެ އަސްކަރީ ކޯޓުން ހުކުމްކޮށްފި އެވެ.
ލަންކާގެ ޓައިގަރުންނާ ދެކޮޅަށް ލަންކާ ހަނގުރާމަކުރި އިރު ލަޝްކަރުގެ އިސް ވެރިޔަކަށް ހުންނެވި ކުރީގެ ޖެނެރަލް ސަރަތު ފޮންސެކާ އަސްކަރިއްޔާގެ އިސް މަގާމެއް ފުރުއްވަމުން ގެންދެވި އިރު، ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުވާ ކަމަށް ވަނީ ކޯޓުން ސާބިތުކޮށްފަ އެވެ. އެހެން ނަމަވެސް، އަދި އޭނާއަށް ދެއްވާނެ އަދަބު އަސްކަރީ ކޯޓުން ކަނޑައަޅައިފައެއްނުވެ އެވެ.
ފޮންސޭކާއާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ މިއީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މި ހުކުމް ތަންފީޒުކުރައްވާނީ ރައީސް މަހިންދަ ރާޖަޕަކްސަ ސޮއިކުރެއްވުމުންނެވެ. އަސްކަރީ ކޯޓުގެ ތިން މެންބަރުންގެ ޕެނަލުގެ ހުކުމް މަހިންދަ ތަންފީޒު ކުރައްވައިފި ނަމަ، ފޮންސޭކާގެ ރޭންކާއި އަސްކަރިއްޔާ އިން ލިބިފައިވާ ހުރިހާ އެވޯޑެއް އޭނާ އަށް ގެއްލޭނެ އެވެ.
މި ހުކުމާ ގުޅިގެން ލަންކާގައި މިހާރު އަންނަނީ ބައެއް ހަމަނުޖެހުންތައް ވެސް ހިނގަމުންނެވެ.
ލަންކާގައި ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސާއާ އެންމެ ގާތުން ވާދަކުރެއްވި ސަރަތު ފޮންސޭކާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެހެން ނަމަވެސް، އޭގެ ފަހުން ބޭއްވި ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބުކުރެއްވުމާ ގުޅިގެން ޤާނޫނު ހަދާ މަޖިލީހުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސަރަތު ފޮންސޭކާ ވަނީ މިނިވަންކޮށްފަ އެވެ.
ސަރަތު ފޮންސޭކާގެ މައްޗަށް އަސްކަރީ ކޯޓުގައި އިތުރު މައްސަލަތަކެއް ވެސް ވަނީ ހިންގުމަށް ތާވަލުކޮށްފަ އެވެ. އެގޮތުން ސަރަތު ފޮންސޭކާ މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކުރެއްވި ކަމުގެ މައްސަލައިގެ އަޑުއެހުންވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ލަންކާގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބާ މެދު ހިތްހަމަޖެހިވަޑައިނުގެން އެ އިންތިހާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުއްވާފައިވާ ކަމަށް ސަރަތު ފޮންސޭކާ ވިދާޅުވަމުންދިޔަ ދަނޑިވަޅެއްގައި، ރައީސް ރާޖަޕަކްސާ އަވަހާރަކޮށްލެއްވުމަށް، އަސްކަރިއްޔާގައި އުޅުއްވި ދުވަސްވަރުން ފެށިގެން، ސަރަތް ފޮންސެކާ ރާއްވަވާފައިވާ ކަމުގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނެވެ. އަދި އިންގިލާބެއް ގެނެސް، ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުވެސް ކުރި އެވެ.
އެހެން ނަމަވެސް ޖެނެރަލް ސަރަތު ފޮންސޭކާ ވަނީ ސަރުކާރުން އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.