ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ބަހާ ގަޑި ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، ކާޑުގެ ބާވަތްތައް ދެން ބަހާނީ ކޮންމެ ރެއަކު 09:00 އިން 12:00އާ ހަމައަށް ކަމަށެވެ. މިތަކެތި ބެހުން ކުރިއަށް ދާނީ، ސޯޝަލް ސެންޓަރު، ގަލޮޅު ދަނޑު، އާންމު ޚިދުމަތްތަކާ ބެހޭ ބައި، އުމަރު ޒާހިރު ބިލްޑިން އަދި ފޭސް ދޭއްގެ ވިނަރެސް 10ގައެވެ.

ކުރިން ކާޑުގެ ބާވަތްތައް ބެހުން ދުވާލު ވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް، ސިޓީ ކައުންސިލްގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ރޯދަ މަހުގެ ދުވާލު ގިނަ ބަޔަކު ކާޑު ބަލާ ނާންނަ ކަމަށެވެ.

ކާޑު ބެހުމުގެ މަސައްކަތް ސަރުކާރުން މިމަހުގެ 16ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ. ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.

ރަށްރަށަށް ވެސް ކާޑުގެ ބާވަތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު ރަށްރަށުގައި އެ ކަން ކުރާނީ ކައުންސިލުގެ ބެލުމުގެ ދަށުންކަމަށް މީގެ ކުރިން އެސްޓީއޯއިން ބުންޏެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ބަހަން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައެވެ.

އޭގެ ކުރިން އެ މަނިކުފާނު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.