އެމެރިކާގެ ކެލިފޯނިއާގައި މިހާރު ކުރިއަށްދާ އިންޑިއާނާ ވެލްސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަސްލް އިވެންޓްގެ ކުއާޓާ ފައިނަލުން މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް ޖާގަހޯދީ ހަތަރުވަނަ ބުރުގައި ހަންގޭރީގެ ފަބިއަން މަރޯޒާން އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ދެ ސެޓު ވެސް އަލްކަރާޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. އަލްކަރާޒް މަސައްކަތް ކުރަމުންދަނީ 2016ވަނަ އަހަރު ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރި ފަހުން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވެވޭތޯއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި އަލްކަރާޒަށް ވާދަކުރަން ޖެހޭނީ ހަވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑާ ޒުވަރޭވާއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ޒުވަރޭވް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި 10 ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއާ ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

އެއީ ފުރަތަމަ ސެޓު މިނޯ ފަހެއް ހަތަކުން ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރައި ފަހު ދެ ސެޓު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.