ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީގެ 27 މެމްބަރަކު ސޮއިކުރެއްވުމަށް ފަހު އެވެ. އެ މައްސަލަ ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް އެމްޑީޕީން ބުނެފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް، މެމްބަރުންނާ މަޝްވަރާ ކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ކަންކަން ނިންމަވަމުން ގެންދަވާތީ ކަމަށެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ޝާހިދު ވަނީ އިންކާރުކުރައްވައިފަ އެވެ.

"އަޅުގަނޑު މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތުން އިންތިހާބު ކުރެއްވި ދުވަހުން ފެށިގެން މިހާތަނާ ޖެހެންދެން ވެސް މަސައްކަތް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑު ދެމިހުންނާނީ އެ ގޮތަށެވެ،" އިތުބާރު ނެތްކަށް ހުށަހެޅި މައްސަލައާ ގުޅިގެން ޝާހިދު ނެރުއްވި ބަޔާނެއްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެކަމަށް ބަހުސް ކުރުން ތިން ގަޑިއިރަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ. އަދި އެ މައްސަލައިގެ ބަހުސް ކުރާނެ މެމްބަރުންގެ އަދަދާއި ބަހުސް ކުރާނެ މިންވަރާއި މަޖިލީހުގެ ރައީސް އޭނާގެ ދިފާއުގައި ވާހަކަ ދައްކަވާނެ އަދަދާއި އޭގެ ދިގުމިން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ.