ބާޒާރު މަތީ ސަރަޙައްދުގެ ދުވާރުމަތީގައި މުދާ އަތުރައިގެން ދިވެހިންނާއި ބިދޭސީން ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވައިފިއެވެ.

މި ވިޔަފާރި ކުރަމުން ދިޔައީ ބޮޑުތަކުރުފާނު މަގު، ބާޒާރު ސަރަޙައްދު، ޒައިތުންމާ ކުރިމަތީ ޕޭވްމެންޓްގައި މުދާ އަތުރައިގެންނެވެ.

މި ވިޔަފާރި ހުއްޓުވާ ދުވާރު ހުސްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އޮފިސަރުންނާއި ފުލުހުން ގުޅިގެންނެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ބާޒާރުމަތީ ދުވާރުގައި ވިޔަފާރި ކުރާ މީހުންނަށް އެތަން ހުސްކުރަން އަންގާ ފުރަތަމަ ދިނީ ނަސޭހަތް ކަމަށެވެ.

ނަސޭހަތް ދިނުމަށް ފަހު ވެސް އެފަދަ ކަންކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާޒާރުމަތީ ދުވާރުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެތަނުގައި އަންނައުނާ، ހިފާގެންގުޅޭ ސާމާނު ފަދަ އެއްޗެހި ވިއްކަން އަތުރާފައި ހުރެއެވެ. ސިޓީ ކައުންސިލުން ޓްވިޓާގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަ ގޮތުން ވެސް، އެތަނުގައި ކުޑަކުދިންގެ ބައިސްކަލަކާއި، ބޫޓާއި އިލެކްޓްރޯނިކް ސާމާނު ހުއްޓެވެ.

ސޯޝަލް މީޑިއާގައި މީހުން ތުހުމަތު ކުރާ ގޮތުގައި އެތަނުގައި ވިއްކަނީ ވަގަށް ނަގައިގެން މީހުން ގެނެސްފައިވާ ތަކެއްޗެވެ.

"...މިސްކިތްތަކުން ވަގަށް ނަގާފައި ހުންނަ ފައިވާން ވެސް ތިތާ ހުރޭ ވިއްކަން،" ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި މެސެޖެއްގައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުނި އަޅައި، ގޮނޑުކޮށްފައިވާ މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.