04 Jun 2012, 16:17
މާލޭ ސެންޓްރަލް ކްލިނިކް އިން ފެށިގެން ދިގު ތާރީހެއް އޮތް އައިޖީއެމްއެޗްގެ ނަރުހުންގެ ހުދު ޔުނީފޯމަށް ބަދަލު ގެނެސް ޔުނީފޯމުގެ ކުލައިގެ ގޮތުގައި އިތުރު ކުލަތަކެއް އައިޖީއެމްއެޗުން ތައާރަފްކުރުން ވެގެން ދިޔައީ ނަރުހުންގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންނަށް ވެސް ވަރަށް ބޮޑު ތަފާތަކަށެވެ.
އައިޖީއެމްއެޗުން ނަރުހުންގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސް ހުދު ކުލައިގެ އިތުރުން ފިޔާ ތޮށި ކުލަ އާއި ނޫ ކުލައިގެ ޔުނީފޯމް ތައާރަފްކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ފާހަގަކުރި ނަރުހުންގެ ދުވަހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
" ހުދަކުލައަށް ވުރެ މިކުލަ މާބޮޑަށް ވެސް އަޅުގަނޑަށް ކަމުދިޔަ. ދެން ވަރަށް ގިނަ ސަބަބުތަކެއް ވެސް އެބަހުރި. މިއީ އަޅުގަނޑުގެ ފޭވަރިޓް ކުލަވެސްމެ،" ފިޔާތޮށި ކުލައިގެ ޔުނީފޯމެއް ހުރި ނަރުހަކު ބުންޏެވެ.
އައިޖީއެމްއެޗުން ގެނައި މި ބަދަލަކީ ނަރުހުން ބަލައިގެތް ބަދަލަކަށްވެފައިވާއިރު ނަރުހުންގެ އިތުރުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ އާއްމުން ވެސް ބަލައިގަތް ބަދަލަކަށްވި އެވެ. އަދި ތަނުގެ މާހައުލަށް ވެސް ބަދަލުތަކެއް ވެރިވެގެން ދިޔަ އެވެ.
" ނިދާ ހޭލެވޭއިރު ހުދު ހެދުމުގައި ތިބި ބަޔަކު ފެނިފެނިފައި ކުއްލިއަކަށް ތަފާތު ކުލަތަކެއް ފެންނަން ފެށީމައި ވަރަށް އެހެން ކަހަލަ ދިރުމެއް މާހައުލަށް ވެސް ވެރިވެފައި ވަނީ،" އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން އަންނަ މީހަކު ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވި ގޮތުގައި ޔުނީފޯމްގެ ކުލަތަކަށް ބަދަލު ގެނެސްފައި ވަނީ ނަރުހުންގެ ރޭންކްތަކަށް ބަލައިގެންނެވެ. އެގޮތުން ރެޖިސްޓާޑް ނަރުހުންގެ ޔުނީފޯމްގެ ކުލައިގެ ގޮތުގައި ނޫކުލަ ހަމަޖައްސައިފައިވާއިރު އޭގެ ދަށުން މަސައްކަތް ކުރާ އެންރޯލްޑް ނަރުހުންގެ ޔުނީފޯމްގެ ކުލައެއްގެ ގޮތުގައި ފިޔާތޮށި ކުލަ އާއި ހުދު ކުލަ ވަނީ ހަމަޖައްސައިފަ އެވެ.
"ޔުނީފޯމުގެ ކުލައަށް ބަދަލުތަކެއް ގެނެސްފައި ވަނީ ނަރުހުންގެ ރޭންކްތަކަށް ބަލާފައި. ޔުނީފޯމްގެ މަތީބައިގެ ޑިޒައިންނަށް ކުޑަ ބަދަލެއް ވަނީ ގެނެސްފައި. މަތީގައި މިހާރު ހުންނާނެ ފިޔާތޮށި ޔުނީފޯމެއްގައި ނަމަ ފިޔާތޮށި މަޑު ރޮނގެއް އަދި ނޫ ޔުނީފޯމެއް ނަމަ ނޫ ރޮނގެއް. ހުދު ކުލަ ހުންނާނީ އެއްވެސް ބަދަލެއް ނުގެނެސް،" ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމަށް ބަދަލުތަކެއް ގެނައުމަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެހޮސްޕިޓަލުން ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ.
"މިބަދަލު ގެނެސްފައިވަނީ ނަރުހުންނާ މެނޭޖްމަންޓާއި މަޝްވަރާ ކުރުމަށްފަހު. އަދި ކުލަ އާއި ފޮތި ވެސް ސެލެކްޓްކޮށްފައި ވަނީ ގިނަ ނަރުހުން ބޭނުންވި ގޮތަށް،" ޒީނަތު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ނަރުސް ކުދިންގެ މޫނުމަތިން ވެސް މިބަދަލާ އެކު އުފާވެރި ކަމާ ހިތްހަމަޖެހުމެއް ވެރިވެފައިވާ ކަމުގެ ކުލަތައް ދިޔައީ ވަނީ ފެންނަމުންނެވެ.