ސިނަމާލެ ބުރިޖު ހައިވޭގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނު އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގީ ހައިވޭގައި ހުޅުމާލެއިން މާލެއަށްދާ ފަޅީގެ އެއާޕޯޓު ލައިޓާ ހިސާބުގައެވެ. މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:30 އެހާކަންހާއިރެވެ.

މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގައި ޖެހި، ސްކޫޕީ ސައިކަލަކަށް ވަނީ ގެއްލުންވެފައެވެ.

އެކަމަކު، ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ގިނަވެފައެވެ. މިގޮތުން މިދިޔަ ދެ މަހު، ހަމައެކަނި ހުޅުމާލޭގައި ވެސް އެވަރެޖްކޮށް 150 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މަހު ވެސް ނުރައްކާތެރި 19 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ، އޭނާއަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ފަރުވާދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ވަނިކޮށެވެ.

އެކްސިޑެންޓުތައް މަދުކުރަން މަގުމަތީގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ވެސް މި ފަހުން ވަނީ ފަށައިފައެވެ.