ކ. ތުލުސްދޫ އާއި ދިއްފުށީގެ އިތުރުން އއ. ތޮއްޑޫގެ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އިމްތިޔާޒް (އިންތި) ވިދާޅުވީ މިއަދު އެ ޕާޓީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ދިއްފުށިން 70 މީހަކު އަދި ތުލުސްދޫން 60 މީހެއްގެ އިތުރުން ތޮއްޑޫން 15 މީހަކު ސޮއިކޮށްފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އިން ބުނީ ދިއްފުށިން ސޮއިކުރި މީހުންގެ ތެރޭގައި އެ ރަށު ޑީއާރުޕީ ގޮފީގެ ރައީސް އަހުމަދު ޒައީމާއި ނައިބް ރައީސް ފާއިޒާ އަބުދުލްއަޒީޒް ސޮއިކޮށްފައިވާ ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ޖުމްހޫރީގެ ޕާޓީގެ ލީޑަރު ވިދާޅުވި ކަމަށް އެ ޕާޓީން ބުނީ ޕާޓީ އަށް ސޮއިކުރުމުން އެކަން ނިމުނީ ނޫން ކަމަށާއި ޕާޓީ ކުރިއެރެވުމަށް ޕާޓީގެ ހުރިހާ މެމްބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ރަށްރަށުގައި ޕާޓީ އަކުން އޮފީހެއް ހުޅުވައިގެން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖުމްހޫރީޕާޓީ އާއި އިއްޔެ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވި ކަމަށް އެ ޕާޓީން ބުނީ އިގްތިސާދީ ހުނަރުވެރިކަމާ ނުލައި ގައުމުގެ އިގްތިސާދު ރަނގަޅުނުކުރެވޭނެ ކަމަށާއި ގާސިމަކީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރާނެ ބޭފުޅެއް ނޫން ކަމަށެވެ. އަލްހާން އަދި ވިދާޅުވީ ސިޔާސީ ފިކުރަކީ ބަދަލު ކުރެވޭނެ އަދި ބަދަލު ވާނެ އެއްޗެއް ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) އާއި އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ޖުމްހޫރީ ޕާޓީ އަށް އިއްޔެ ވަނީ ސޮއިކުރައްވައިފަ އެވެ.