ގޭންގުތަކުގެ ޕްރެޝަރު ބޮޑުވެ، ހެއިޓީގެ ބޮޑު ވަޒީރު އެރިއަލް ހެންރީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކެރީބިއަން ގައުމުތައް މެދުގައި އިއްޔެ ޖަމައިކާގައި ހެއިޓީގެ ހާލަތާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހުއެވެ.

ހެންރީ މިހާރު ހުންނެވީ ކެރީބިއަންގެ ރަށެއް ކަމަށްވާ ޕުއެރްޓޯ ރީކޯގައި ތާށިވެފައެވެ. ހަތިޔާރު އެޅި ގޭންގުތަކުން އަންނަނީ އޭނާއަށް އެނބުރި ގައުމަށް ދިއުމަށް ހުރަސް އެޅުމުންނެވެ.

"އަހަރެން އެދެނީ ހެއިޓީގެ ހުރިހާ ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް ސުލްހައާއި ހަމަޖެހުން ގެނައުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް," އިސްތިއުފާ އިއުލާން ކުރައްވައި ދެއްވި ވީޑިއޯ ޚިތާބުގައި ހެންރީ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޖޮވެނަލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ޖުލައި 2021 އިން ފެށިގެން ވަގުތީ ގޮތުން ގައުމާ ހަވާލުވެހުންނެވި ހެންރީ ވަނީ ތަކުރާރުކޮށް ހެއިޓިގެ އިންތިޚާބު ފަސްކޮށްފައެވެ. ހެއިޓީގެ ގިނަ ބަޔަކު އެކަމާމެދު ސުވާލު އުފައްދާއިރު، ހެންރީ އިސްތިއުފާ ދެއްވުމަށް ފަހަކަށް އައިސް ބަރުގަދަ ހަތިޔާރު އެޅި ގޭންގުތަކުން އަންނަނީ ގޮވަމުންނެވެ.

ހެއިޓީގައި ގޭންގުތަކުގެ ބާރު ގަދަވެފައިވާއިރު، ދާދި ފަހުން އެ ގައުމުގެ މައި ޖަލު ފަޅާލައި އެތައް ހާސް ގައިދީންނެއް ވެސް ވަނީ ފިލާފައެވެ. އަދި، ގޭންގުތަކުން ބުނަމުން ދިޔައީ ހަމަނުޖެހުން ހުއްޓާލާނީ ހެންރީ މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

ހެއިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކެންޔާއިން ވަނީ 1،000 ސިފައިން ވެސް ފޮނުވާފައެވެ. އަދި، އަވަށްޓެރި އެހެން ގައުމުތަކުން އަންނަނީ އެ ގައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން 360،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދއިން ހާމަކުރެއެވެ.