04 Jun 2012, 15:02
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހދ. ނޭކުރަންދޫގައި މަރުވެފައި އޮއްވާ ފެނުނު އަންހެނެއްގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ މަރުވެފައި ވަނީ ގަސްދުގައި ހަމަލާދީގެން ކަމަށެވެ.
ނޭކުރަންދޫ ރަންވިލް، ފާތުމަތު ޒަކަރިއްޔާ،65، (ފާތުމަ)، އޭނާގެ ދިރިއުޅުނު ގޭގެ ތެރޭ މަރުވެފައި އޮއްވައި ފެނިފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެރޭ ގަ އެވެ. ފާތުމަ މަރުވިއިރު އޭނާގެ ހުރިހާ ދަރިންވެސް ދިރިއުޅެމުން ދިޔައީ އޭރު ރަށުން ބޭރުގަ އެވެ.
ނޭކުރަންދޫ ކައުންސިލްގެ ރައީސް އާދަމް ނާޒިމް ވިދާޅުވީ ފާތުމަ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަރަކަށް ގުޅައި މަންމަގެ ޚަބަރު ބަލައި ދިނުމަށް އެދުމުން އެގެއަށް ގޮސް ބެލުމުން ކަމަށެވެ. ނާޒިމް ވިދާޅުވީ ފާތުމަ އެންމެފަހުން ފެނުނު ކަމަށް މީހުން ބުނަނީ އެދުވަހުގެ އިރުއޮއްސުނު ވަގުތު ކަމަށެވެ.
ނާޒިމް ވިދާޅުވީ ފާތުމަ ފެނުމުން އެކަން ފުލުހުންނަށް އެންގި ކަމަށާއި އޭނާ ވަޅުލީ ފުލުހުންނާ ޑޮކްޓަރުން ބެލުމަށްފަހު ހުއްދަ ދިނުމުން ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް އެނގުނު ގޮތުގައި ފާތުމަ މަރުވެފައި ވަނީ މީހަކު ގަސްތުގައި ދިން ހަމަލާއަކުން ކަން އެނގޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށް އޭނާގެ ތަހުގީގުގެ ބޮޑުބައެއް ވަނީ ފުރިހަމަކޮށްފަ އެވެ. އަދި މަރާ ގުޅުންހުރި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އެކަނި ދިރިއުޅެމުން އައި ފާތުމަ މަރާލާފައި އޮތް އިރު އޭނާގެ އަތުގައި ހުރި ގަހަނާތަށް ނެތްއިރު، އެގޭގެ އަލަމާރި ހާވަފައި ހުރި ކަމަށް ވެއެވެ. އަދި ފާތުމަ ގޭގައި ރައްކާކޮށްފައި ހުރި ފައިސާއާއި އޭނަ ގެންގުޅުނު ފޯނުވެސް ވަގަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.
ނޭކުރަންދޫ ވާހަކަ ދެއްކި މީހަކު ބުނީ ފާތުމައަކީ ރަނގަޅު ސިއްހަތެއްގައި ހުރި މީހެއް ކަމަށާއި ފާތުމަ މަރާލާފައި އޮއްވައި ފެނުނުއިރު ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ.
މަރުގެ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިދިޔަ އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ނ. މާފަރު ގެއެއްގެ ތެރޭ ދެފައިބަނދެ މަރާލާފައި އޮއްވައި ފެނުނު 65 އަހަރުގެ މީހެއްގެ މަރުގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ. ހަމަ އެދުވަހުގެ ހެނދުނު މާލޭ ލޮރެންޒޯ ޕާކް ތެރޭ މަރާލާފައި އޮއްވައި ފެނުނު 16 އަހަރުގެ ކުއްޖެ މަރުގެ މައްސަލައިގެ ތަހުގީގުވެސް ދަނީ ކުރިޔަށެވެ.
މިއަހަރުގެ ކުރީކޮޅުގައި ވަނީ ދ. ކުޑަހުވަދޫގައި ވެސް ރަހުމު ކުޑަގޮތަކަށް 70 އަހަރުގެ މީހަކު މަރާލައިފަ އެވެ. އަދި މިދިޔަ އަހަރުތެރޭގައި ވަނީ އުމުރުން ދުވަސްވީ މީހެއް ހއ. ހޯރަފުށީގައި ވެސް މަރާލާފަ އެވެ.