04 Jun 2012, 14:20
ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެކަން ހުކުރު ދުވަހަށް ފަސްކޮށްފި އެވެ.
ހުކުރު ދުވަހު ވެސް ހިނގާފައި އުޅުމަށް ހަމަޖައްސާފައި ވަނީ އެ ދުވަހު ހަވީރުން 4 ން ރޭގަނޑު 10 އަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހިނގާފައި އުޅޭ ވަގުތުތައް ހުކުރު ދުވަހަށް ބަދަލު ކުރީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެ އިވެންޓް ބަންދު ދުވަހަކަށް ބަދަލު ކުރުމުން، އެފަދަ ވަގުތުކޮޅެއް ފާހަގަ ކުރުމަށް އާއިލާތައް އެކުގައި އެ ވަގުތުކޮޅު ހޭދަކޮށްލުމަށް މަގުފަހިވެ، ގިނަ ބަޔަކަށް ބައިވެރިވެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިދިޔަ އަހަރާ ޚިލާފަށް މި އަހަރު ވަނީ ހިނގާފައި އުޅޭ ވަގުތުތަކުގައި ބައިސްކަލު ދުއްވުން ހުއްދަ ކޮށްފަ އެވެ. އޭގެ އިތުރުން ވެސް ނުކުޅެދޭ މީހުން ދުއްވާ އެއްޗިއްސާއި އަލިފާން ނިއްވާ އުޅަނދުގެ އިތުރުން އިމަޖަންސީގައި ބޭނުންކުރާ ވެހިކަލްތައް ފިޔަވައި އިންޖީނުލީ އެއްވެސް ބާވާތެއްގެ އުނޅަދެއް އެ ދުވަހު އެއްވެސް ރަށެއްގައި ބޭނުން ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހާއްސަ ހުއްދައިގެ ދަށުން ކޮންމެ ޕިކަޕް ސެންޓަރަކަށް ޕިކަޕެއް، ކޮންމެ ޓެކްސީ ސެންޓަރަކަށް ޓެކްސީއެއް ދުއްވުމުގެ ހުއްދަ ދޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ފެހި އިގްތިސާދު. ތިބާ ޝާމިލުވޭތޯ؟" އެވެ.