އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރު މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން އަލް ނަސްރު މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނީ އެކުވެރި އަރަބި އިމާރާތުގެ އަލް އައިންއާ ބައްދަލުކޮށް ކުޅުނު ކުއާޓާ ފައިނަލްގެ ދެމެޗު ހަތަރު ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ތިން ލަނޑު އެއް ލަނޑުންނެވެ.

އެ ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އަލް އައިންގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުންލަނޑުން އަލް އައިން މެޗު ކާމިޔާބު ކުރިއިރު ދެވަނަ ލެގު ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކުރީ އަލް ނަސްރު އެވެ. އެހެން ކަމުން އެގްރިގޭޓު ނަތީޖާއަށް ބަލާލާއިރު ތިން ލަނޑު ތިން ލަނޑުން ދެޓީމު އެއްވަރު ވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެ ނިމުނު އިރު ހަތަރު ލަނޑު ހަތަރު ލަނޑުން ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖެހީއެވެ.

އަލް ނަސްރުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ފެށުން ރަނގަޅުވީ އަލް އައިންގެއެވެ. މިގޮތުން މެޗުގެ 28 ވަނަ މިނެޓާއި 45 ވަނަ މިނެޓުގައި ސޫފިއާން ރަހީމީ ޖަހައިދިން ދެ ލަނޑާއެކު އަލް އައިންއިން ވަނީ އެގްރިގޭޓް ނަތީޖާ ތިން ލަނޑު ސުން ލަނޑަށް ބަދަލުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި އަލް ނަސްރުގެ އަބްދުލްރަހްމާން ގަރީބް ޖަހައިދިން ލަނޑާއެކު މިމެޗުގައި ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރިއެވެ.

މިމެޗުގައި އަލް ނަސްރުއިން ކާމިޔާބު ކުރި ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 51 ވަނަ މިނެޓުގައި އަލް އައިންގެ ޙާލިދު އީސާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިހާފުގައި ރޮނާލްޑޯއަށް ވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. މިމެޗުގައި އަލް ނަސްރަށް އެންމެ ފަހުން ލީޑު ނަގައިދިނީ މެޗުގެ 72 ވަނަ މިނެޓުގައި އެލެކްސް ޓެލޭސް ޖަހައިދިން ލަނޑުންނެވެ.

މިމެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އަނެއްކާވެސް ފެނުނީ އަލް އައިންއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރި ތަނެވެ. މިލަނޑު މެޗުގެ 103 ވަނަ މީނެޓުގައި ޖަހައިދިނީ ސުލްތާން އަލް ޝާމީއެެވެ. މިމެޗުގައި އަލް ނަސްރުއިން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު މެޗުގެ 118 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މިއާއެކު ޕެނަލްޓީއަށް ދިޔަ ނަމަވެސް ޕެނަލްޓީ ޝޫޓް އައުޓްގައި އަލް ނަސްރުއިން ޕެނަލްޓީ ޖެހި ކުޅުންތެރިންގެ ތެރެއިން ކާމިޔާބު ކުރެވުނީ ރޮނާލްޑޯ ޖެހި ޕެނަލްޓީ އެކަންޏެވެ. އޭގެ ބަދަލުގައި އައިން އިން ވަނީ އެޓީމުން ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބުކޮށް މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.