އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ނިއުކާސަލްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.

މިމެޗު ޗެލްސީއިން ފެށި ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗުގެ ހަ ވަނަ މިނެޓުގައި ޗެލްސީއިން އުފެއްދި ހަމަލާއެއްގައިވަނީ މެޗުގެ ލީޑު ވެސް ނަގައިފައެވެ. ކޯލް ޕާމާ ފޮނުވާލި ހަމަލާއެއް ގޯލަށް އަމާޒު ކޮށްލައިގެން މިލަނޑު ޗެލްސީއަށް ޖަހައިދިނީ ނިކޮލަސް ޖެކްސަންއެވެ. ނަމަވެސް އެއާއެކު ނިއުކާސަލްއިން އެޓީމުގެ ކުޅުންވެސް ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަނެވެ.

މިމެޗުގައި ނިއުކާސަލްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެގްޒެންޑާ އިސާކްއެވެ. މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި ވަރަށް ބަލައިލައިފައި ޕާމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިސީޒަންގައި ޕާމާ މިހާރުވަނީ 11 ލަނޑު ޖަހައިދީ އަށް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ޗެލްސީއިން މިމެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ މީހައިލޯ މުޑްރިކްއެވެ. މިލަނޑާއެކު ޗެލްސީއިން ހަމަޖެހިލި ނަމަވެސް މެޗުގެ ފަހު މިނެޓުގައި ޖޭކޮބް މާފީ ނިއުކާސަލްއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ފަހު ވަގުތު ކޮޅު ޗެލްސީ ހާސް ކަމެއްގެ ތެރެއަށް ވެއްޓުނެވެ. ނަމަވެސް މެޗު ނިމުނީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް ޗެލްސީ މެޗު ކާމިޔާބު ކޮށްގެންނެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ 27 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ އެގާރަ ވަނައިގައެވެ. ނަމަވެސް އެޓީމު އެއްމެޗު ނުކުޅެ އޮތުމުން އެމެޗު ކާމިޔާބު ކުރެވިއްޖެނަމަ 40 ޕޮއިންޓާއެކު ތާވަލްގެ ދިހަ ވަނައިގައި އުޅޭ ނިއުކާސަލް ފަހަތަށް ޖައްސާލުމުގެ ފުރުސަތު އެބައޮތެވެ.