04 Jun 2012, 14:03
އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން އެކޮމިޝަންގެ ޓީމެއް މިއަދު މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އޭސީސީގެ ތަހުގީގު ޓީމުން މިއަދު މާލޭ ސިޓީ ކައުންސިލަށް ވަދެފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފުކުރުމަށެވެ.
އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމަށް އޭސީސީގެ ތަހުގީގު ޓީމުތައް އެކިއެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެގޮތުން މާލޭ ސިޓީ ކައުންސިލާ ގުޅިގެން އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކަށް ބޭނުންވާ މައުލޫމާތެއް ސާފުކުރުމަށް އެ ކޮމިޝަންގެ ތަހުގީގު ޓީމުން މިިއަދު މެންދުރު ކުރީގެ ވަގުތެއްގައި އެ ކައުންސިލަށް ގޮސްފައިވާ ކަމަށެވެ. އަދި އޭސީސީގެ މަސައްކަތަކަށް މާލޭ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އޭސީސީގެ ޓީމުން އެތަނަށް މިއަދު ދިޔައީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ބަލަނީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ކޮމިޝަންގެ ޓީމްތައް ކޮންމެ ދުވަހަކު ވެސް ހަރަކާތްތެރިވާނެ. އެގޮތުން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކައުންސިލަށް ތަހުގީގު ޓީމުން ދިޔަ." މުއައްވިޒު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް ގުޅި އިރު، އެ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ ފޯން ނިއްވާލާފައިވާތީ އެ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.