12 Mar 2024, 12:47
ހަފުތާ 14ގެ ވައުދުތަކުގެ ތެރެއިން ހުރިހާ ވައުދެއްހެން މިހާރު ފުއްދިއްޖެ ކަމަށާއި ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައެވެ.
މިއަދުގެ ޕުރޮގްރާމްގައި ރައްޔިތަކު ވަނީ، ވަޢުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާ ގުޅިގެން ސުވާލު ކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ 14 ހަފުތާއަށް ކަނޑައެޅީ 161 ވައުދެއް ކަމަށެވެ.
އޭގެ ތެރެއިން 155 ވައުދަށްވުރެ ގިނަ ވައުދު އެއްކޮށް ކަނޑައެޅި މިންވަރަށް ފުއްދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ބާކީ ހުރި ދެތިން ވައުދެއް ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.
"ކުރިއަށް އޮތް އަހަރަށް އަދި ކުރިއަށް އޮތް އަހަރުތަކަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބައިވަރު މަސައްކަތްތައް އެބަ ހިނގާ. އަޅުގަނޑު ރަށްރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށްގެން ރައްޔިތުން ވިދާޅުވާ ކަންކަމަށް ވެސް ކުރަން ޖެހޭ މަސައްކަތްތައް އެކި މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރު ސްޕީޑުގައި ވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.
ވައުދުތައް ފުއްދަވަމުން ގެންދަވާ މިންވަރު ރައްޔިތުންނަށް ހާމަ ކޮށްދެއްވުމަށްޓަކާ ރައީސް ވަނީ އެ މަނިކުފާނުގެ ވައުދުތަކާއި ކެމްޕެއިން ތެރޭ ރަށްރަށަށް ގޮސް ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގައި ނެރުއްވާފައެވެ.
ރައީސް އޮފީހުގެވެބްސައިޓުގައިވާގޮތުން ހަފުތާ 14 ގެ ވައުދުފުޅުތަކުގެ ތެރެއިން ނުފުދި ހުރި ގިނަ ވައުދުތަކުގެ ވެސް 99 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ.
ނުނިމޭ މަސައްކަތްތަކުގެ ތެރޭގައި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ލަފާއާއި އިރުޝާދާ އެއްގޮތަށް، ކުރު އަދި ދިގު ރާސްތާގެ ދަރަނީގެ މިންގަނޑު، ޤައުމީ އިޤްތިޞާދާއި މާލިއްޔަތަށް ބުރޫ ނާރާނެފަދަ މިންވަރެއްގައި ބެހެއްޓުމުގެ ސިޔާސަތެއް އިޢުލާނުކުރުމާއި ނަފްސާނީ ދުޅަހެޔޮކަމާބެހޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ހިމެނެއެވެ.
އެންމެ ބޮޑެތި ވައުދުފުޅުތަކުގެ ތެރެއިން ނުފުއްދިހުރި ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފުކުރުން ހިމެނެއެވެ. އެ މައްސަލައިގެ 80 އިންސައްތަ މަސައްކަތް ނިންމައިލެވިފައިވާ ކަމަށް ވެބްސައިޓުގައި ވެއެވެ.