އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި 60 މީހެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރިއިރު ބައެއްތަންތަނަށް ގެއްލުން ދިން މައްސަލަ ތަކުގައި އިތުރު ހެއްކާއި ގަރީނާ ހޯދަން ޖެހޭކަމަށް ފާހަގަ ކުރެވިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީގެ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގައި އެކި ތަންތަނަށް ހެއްކާއި ގަރީނާ ލިބިފައި ވަނީ އެކި މިންވަރަށް ކަމަށާއި އެކަމާ ފުލުހުންނާ މިހާރު މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

"ބައެއްތަންތަނަށް ގެއްލުން ލިބިފައިވާ މައްސަލަތަކުގައި އަދިވެސް އިތުރު ހެއްކާއި ގަރީނާ ހޯދުމަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ފާހަގަ ކުރެވޭ. އެކިތަންތަނަށް ހެއްކާއި ގަރީނާ ލިބިފައި ވަނީ އެކި މިންވަރަށް. އެކަންކަމާ މެދު ފުލުހުންނާ މަޝްވަރާ ކުރަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ޕީޖީ އޮފީހުން އެދިލައްވާފައިވާ ގޮތަށް އެ މައްސަލައާ ގުޅޭ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ދައުވާ ކުރަން ފޮނުވި 60 މީހުންގެ އިތުރުން ތުހުމަތު ކުރެވޭ އިތުރު މީހުންގެ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ހަނީފް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އިތުރުން ފެބްރުއަރީ އަށްވަނަ ދުވަހު ހުޅުޖަހައި އަންދާލާފައި ވަނީ ގދ. ތިނަދޫގެ ދައުލަތުގެ ބައެއް އިމާރާތްތަކުގަ އެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ 108 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. ޕީިިޖީގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭގޮތުން ވަކިއެއްޗެއް ދެންނެވޭނީ ދިރާސާކޮށް ނިމުމުން ކަމަށެވެ.