ކޮންމެ އަހަރެއްގެ ރޯދަ މަހަކާ ދިމާކޮށް ގިނަ ދިވެހީންގެ ޑައިޓަށް ބޮޑު ބަދަލެއް އަންނާނެއެވެ. ކުރީން ނުކާ ގިނަ އެއްޗެހި ރޯދަ މަހު ކާނެއެވެ. ނަމަވެސް މިއިން ބައެއް ކަހަލަ އެއްޗެއްސަކީ މީހާގެ ސިއްހަތަށް އެންމެ ރަނގަޅު އެއްޗެއްސެއް ނޫނެވެ.

ރޯދަ ވީއްލުމަށް ކޮންމެ ދުވަހަކުހެން ގިނަ ގޭގޭގައި ތަފާތު އެކި ވައްތަރުގެ އެއްޗެހި ކާން ހަދައެވެ. އެއާއެކު ސިއްހަތަށް ނުރަނގަޅު އެތަކެއް އެއްޗެއް ވެސް އިތުރު ވެގެން ދެއެވެ. މި ތަކެތި ފައިދާވާ މިންވަރު ކުޑަވާއިރު ލިބޭ ގެއްލުން ވެސް އިތުރުވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާ ލޮޑުވެ ވަރުބަލިވެ ހުރެއެވެ.

ތެލުލި ކާނާ

ރޯދަ މަހުގައި ރޯދަ ވީއްލުމަށް އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކީ ތެލުލި ކާނާއެވެ. ޑީޕް ފްރައިކޮށް ތައްޔާރު ކުރާ ތަފާތު އެކި ހެދިކާތަކަކީ ކޮންމެ ދުވަހަކަށް އާންމު ތަކެއްޗެވެ.

ނަމަވެސް ރޯދަ ވީއްލާ ގަޑީގައި މި ތަކެތި ކެއުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ގިނަ އަދަދަކަށް ތެލުގެ މާއްދާ ހުރުމުން މިއީ ހަޖަމުކުރުމަށް އެންމެ ފަސޭހަ އެއްޗެއްސެއް ނޫނެވެ. އެއާއެކު ބަނޑަށް އުނދަގޫ ވުމާއި އެކަށިގެންވާ މިންވަރަށް ހަކަތަ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

ހެދިކާ ކާން ބޭނުންވާ ނަމަ ކުޑަ ތެޔޮ ކޮޅެއްގައި ޕޭން ފްރައި ކޮށްލެވިދާނެއެވެ. ނުވަތަ ފިހުން އަދި އެއާ ފްރައި ވެސް ކުރެވިދާނެއެވެ.

ސޮފްޓް ޑްރިންކްސް

ރޯދަ ވީއްލާ ގަޑީގައި ސޮފްޓް ޑްރިންކްސް ތަކަކީ ދުރުވުން ވަރަށް ރަނގަޅު އެއްޗެކެވެ. ސޮފްޓް ޑްރިންކް ފަދައިން ކާބޮނޭޓެޑް ނުވަތަ އެރޭޓެޑް ބުއިންތަކާ ރޯދަ ވީއްލާ ގަޑީގައި ވީހާ ވެސް ދުރުވާން ޖެހޭނެއެވެ. މުޅި ދުވަހު އެއްވެސް އެއްޗެއް ނުކައި އަދި ނުބޮއި ހުރެ މިފަދަ ބުއިންތައް ބޭނުންކޮށްފި ނަމަ މީހާ ގޭސްވެ ބަނޑަށް އުނދަގޫ ކުރުން ފަދަ ކަންތައް ވުން އެކަށީގެންވެއެވެ.

މިފަދަ ބުއިންތަކުގެ ބަދަލުގައި ތާޒާ މޭވާ ތަކުގެ ބުއިންތައް ބޭނުން ކުރުމުގެ އާދަ އިތުރު ކުރާށެވެ. އަދި، މިއީ ހަކުރު ނާޅާ ގިރާ ބުއިންތަކަށް ހެދުން ވެސް މުހިއްމެވެ. މޭވާއަކީ މި ދުވަސްކޮޅު އަގުބޮޑުވާ އެއްޗެއްސެވެ. އެހެންވީމާ ޖޫސް ޕެކެޓު ވެސް ހަމަ އެންމެ ރަނގަޅު ވާނެއެވެ. މިކަމުގައި އިސްކަން ދޭންވީ އެޑެޑް ޝުގާ ނެތް ޖޫސްތަކަށެވެ.

ކެފީން

ދިވެހީންގެ އާބާދީގެ ބޮޑު ބަޔަކީ ކޮފީ ބުއިމަށް އާދަވެފައިވާ ބައެކެވެ. އެގޮތުން ރޯދަ ވީއްލާ ގޮތަށް ވެސް އެއްބައި މީހުން ކޮފީ ބޯން ފަށައެވެ. އަނެއް ބައި މީހުން ރޯދަ ވީއްލާ ވަގުތު އެހެން އެއްޗެއްސާއެކު ކޮފީ ބޭނުން ކުރެއެވެ.

ކޮފީއަކީ ކެފީން ހުންނަ އެއްޗަކަށް ވެފައި މިއީ ޑައިޔުރެޓިކް އެކެވެ. ޑައިޔުރެޓިކްގެ ސަބަބުން މީހާ ގިނަ ގިނައިން ކުޑަކަމުދިޔުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ ޖެހިގެން އަންނަ ދުވަހު ފަސޭހައިން ޑީހައިޑްރޭޓް ވުމެވެ. އެއާއެކު ރޯދަ މަހު ކެފީން ވީހާ ވެސް މަދު ކުރުމަކީ ރަނގަޅު ކަމެކެވެ.

މަސްދަރު : ސްލާޕް