12 Mar 2024, 08:15
މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީ ހޯދި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓޯފާ ނޯލަންގެ "އޮޕެންހައިމާ" މި ފަހަރުގެ އޮސްކާގައި ވެސް އެންމެ ކާމިޔާބު ފިލްމަށް ވެއްޖެއެވެ.
ފިލްމީ ދުނިޔޭގައި ލިބޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާގެ މިދިޔަ އަހަރުގެ ފިލްމުތަކުގެ އެންމެ މޮޅެތި ފިލްމުތަކުގެ ނޯމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ އޮޕަންހައިމާއެވެ. އެއާ އެކު މި ފަހަަރުގެ އެންމެ ގިނަ އެވޯޑުތައް ލިބޭނެ ކަމަށް ވެސް އުއްމީދު އޮތީ މި ފިލްމަށެވެ.
ޖުމްލަ 13 ނޯމިނޭޝަނަކާ އެކު ފިލްމު ހަފުލާއަށް ދިޔައިރު މި ފިލްމު ވަނީ ހަތް އެވޯޑެއް ހޯދާފައެވެ. އޭތެރޭގައި އެންމެ މޮޅު ފިލްމުގެ އެވޯޑުގެ އިތުރުން އެންމެ މޮޅު އެކްޓަރާއި ޑައިރެކްޓަރު އަދި އެންމެ މޮޅު ސިނެމެޓޮގްރަފީގެ އެވޯޑު ހިމެނެއެވެ.
އެންމެ މޮޅު ފިލްމުގެ ކެޓަގަރީގައި އޮޕަންހައިމާއާ އެކު ވާދަ ކޮށްފައިވަނީ "ބާބީ"އާއި "ޕުއާ ތިންގްސް"އާއި "ކިލާސް އޮފް ފްލާވާ މޫން"އާއި "އެމެރިކަން ފިކްޝަން"އާއި "އެނެޓޮމީ އޮފް އަ ފޯލް"އާއި "ދަ ހޯލްޑޯވާސް"ގެ އިތުރުން "މައިސްޓްރޯ" އާއި "ޕާސްޓް ލައިވްސް” އަދި "ދަ ޒޯން އޮފް އިންޓަރެސްޓް" އެވެ.
ހަފުލާގެ އެންމެ ޝަރަފުވެރި ދެ އެވޯޑު ކަމަށްވާ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ ރޯލްތައް ވެސް ވަނީ ގިނަ ބަޔަކު ހީކޮށްފައިނުވާ ގޮތަކަށް ނިމިގެން ގޮސްފައެވެ. އެގޮތުން ގިނަ ބަޔަކު ހީކޮށްގެން ތިބީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިގެންދާނީ ބްރެޑްލީ ކޫޕާއަށް ކަމަށެވެ. ނަމަވެސް އެ އެވޯޑު ލިބިފައިވަނީ ކިލިއަން މާފީއަށެވެ.
ހަމަ އެގޮތަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބޭނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ، ކިލާސް އޮފް ދަ ފްލާވާ މޫންގެ އެކްޓްރެސް ލިލީ ގްލެޑްސްޓޯންއަށް ކަމަށެވެ. ނަމަވެސް އެ އެވޯޑު ލިބިގެން ދިޔައީ ޕުއާ ތިންގްސްއިން އެމާ ސްޓޯން އަށެވެ.