އުސް ފަސްގަނޑު ހޯދަން މާލޭ ސީޓީ ކައުންސިލާއި ދެކޮޅަށް ދައުވާ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ބަންޑާރަ ނާއިބު އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އުސް ފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ލިޔުމުން އެންގުމުން މާލޭ ސިޓީ ކައުންސިލުން އެތަން ހައުސިން މިނިސްޓްރީއާ ހަވާލު ކޮށްފައި ނުވާތީ އެތަން ސިޓީ ކައުންސިލްގެ އަތުން ނަގައި ދިނުމަށް އެދި މާދަމާ ސިވިލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

"އުސް ފަސްގަނޑު ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެތަން ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ލިޔުމަކުން މާލޭ ސިޓީ ކައުންސިލަށް އެންގުމުން ވެސް އެތަން މިނިސްޓްރީއާ ހަވާލުނުކޮށް އެއްބަސްވުމާ ޚިލާފަށް އަމަލު ކުރާތީ އެ މައްސަލަ މާދަމާ ސިވިލް ކޯޓަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުސް ފަސްގަނޑު ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީ އާއި ސިޓީ ކައުންސިލާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމުގައިވާ ގޮތުން ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި އުސް ފަސްގަނޑު ނެގުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށެވެ. އަދި ވިދާޅުވީ އުސް ފަސްގަނޑު ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ އެ އެއްބަސްވުމުގެ ދަށުން ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުން އެމްޑީޕީން ފެށި ހަރަކާތްތަކުގައި ދިގު މުއްދަތަށް ކޭމްޕް ކުރި ލޮނުޒިޔާރަތްކޮޅުގެ ޖަގަހަތައް ފުލުހުންނާއި ސިފައިން ރޫޅާލުމުން އެމްޑީޕީގެ ހަރަކާތްތަކަށް ސިޓީ ކައުންސިލުން އުސް ފަސްގަނޑު ދޫކުރި އެވެ. ނަމަވެސް އެ ބިމުން ވެސް އެމްޑީޕީ ފައިބާ ސަރުކާރާ ބިން ހަވާލު ކުރަން އެދުމާއެކު ތަފާތު އެކިކަހަލަ ހަމަނުޖެހުންތައް ވަނީ ހިނގާފަ އެވެ.