12 Mar 2024, 08:07
ބަތަލާ ރަވީނާ ޓަންޑަން ހިތްވަރުގަދަ ވަކީލެއްގެ ރޯލް ކުޅޭ ފިލްމު "ޕަތުނާ ޝުކްލާ" ޕްރިމިއާކުރާ ދުވަސް އިއުލާނުކޮށް ފިލްމުގެ ޓްރެއިލާ ދައްކާލައިފިއެވެ.
މި ފިލްމަކީ އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އެކްޓަރު އަރުބާޒު ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މީގެ ކުރިން ވެސް ވަރަށް ތަފާތު ރޯލްތައް ކުޅެ އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާގެ ފިލްމު "ޕަތުނާ ޝުކްލާ" ބިނާކޮށްފައިވަނީ އިންޑިއާގެ ބިހާރުގައި ހިނގާ އިމްތިހާނުތަކުގެ މާކްސްތައް އޮޅުވާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅަށެވެ. ރަވީނާ ފިލްމުގައި ފެންނާނީ ތައުލީމީ ނިޒާމުގެ ތެރެއިން ހިންގާ ބޮޑެތި ކޮރަޕްޝަންގެ ގިނަ ޖަރީމާތައް ފަރުދާގެ ކުރިމައްޗަށް ގެނެސް އިންސާފު ނުލިބިތިބި އާއިލާތަކަށް އިންސާފު ހޯދައިދޭ ހިތްވަރުގަދަ ވަކީލެއްގެ ރޯލުންނެވެ.
އަންހެނަކަށްވީތީ ވަކާލާތު ކުރުމުގެ މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކާ އެކު އަމިއްލަ ދިރިއުޅުމުގައި ފިރިމީހާގެ ފަރާތުން އެއްބާރުލުން ނުލިބުމުން ދިމާވާ ބޮޑެތި ހަމަނުޖެހުންތައް މި ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ.

ބަތަލާ ރަވީނާ ޓަންޑަން ވެބް ސީރީސް "ކަރުމާ ކޯލިންގް"ގެ ޕޯސްޓަރެއްގައި-- ފޮޓޯ/ ބޮލީވުޑްހަންގާމާ
މި މަހުގެ 29ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި ޕްރިމިއާކުރަން ނިންމާފައިވާ މި ފިލްމުން މިދިޔަ އަހަރު ހާޓް އެޓޭކެއްޖެހި މަރުވި ސަތީޝް ކޯޝިކް މުހިއްމު ރޯލުތަކުން ފެންނާނެއެވެ. މިއީ ސަތީޝް މަރުވުމުގެ ކުރިން މަސައްކަތްކުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް އެކްޓަރު ފެންނާނެ އެންމެ ފަހު ފިލްމުވެސް މެއެވެ.
ސިޔާސީ ކުޅިގަނޑެއްގެ ތެރޭ ހިނގާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ އަރުބާޒު ޚާންގެ މިހާރުގެ އަންހެނުން ޝޫރާ ޚާންއާ ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނު ފިލްމު ވެސް މެއެވެ. ބަތަލާ ރަވީނާ ޓަންޑަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ވެސް ޑިޒްނީ ހޮޓް ސްޓާގައި ޕްރިމިއަކުރި ވެބް ސީރީސްއަކުންނެވެ. އެއީ ބަދަލު ހިފުންތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވެބް ސީރީސް "ކަރުމާ ކޯލިންގް"އެވެ.