11 Mar 2024, 20:42
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ހެލިކޮޕްޓަރު އޮޕަރޭޓުކުރަން އައްޑޫގައި ތިބި އިންޑިއާ ސިފައިން މިއަދު ރާއްޖެއިން ހިނގައްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އައްޑޫގައި އެއްވެސް އިންޑިއާ ސިފައިންގެ މީހަކު ގާއިމްވެގެން ނުތިބޭނެކަމަށާއި އެންމެން ވެސް މިހާރު ގޮސްފައިވާ ކަމަށެވެ.
އެއީ މީގެ ކުރިން ސަރުކާރުން މައުލޫމާތު ދިން ގޮތުގައި 25 ސިފައިންނެވެ.
މީގެ އިތުރުން ލ. ކައްދުއާއި ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ތިބިއިރު، އެ ތަންތަނުގައި ތިބި ސިފައިން ގެންދާނީ މޭ 10ގެ ކުރިންނެވެ.
މީގެ ކުރިން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރުމަށްފަހު އެއްބަސްވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދެއްގެ އޮޕަރޭޝަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ބަޔަކު، މި މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެ ގެންދިއުމަށް ކަމަށެވެ.
އަދި ބާކީ ސިފައިން މޭ މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިއުމަށް އެއްބަސްވެވިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމުގެ ރިޔާސީ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސްވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފައެވެ.