04 Jun 2012, 13:42
ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، މަސްޖިދުލް ސުލްތޯން މުހައްމަދު ތަކުރުފާނުލް އައުޒަމް، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލް ކުއްޔަށް ދޫކުރާ އަގު ސަރުކާރުން ހެޔޮކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން އެ މަރުކަޒުގެ ހޯލު ކުއްޔަށް ދޫކުރަމުން އައީ ޖަލްސާއަކަށް 3000ރ. އަށް ނަމަވެސް މިހާރު މަރުކަޒުގެ ހޯލު ކުއްޔަށް ދޭނީ 1500ރ. އަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލް ކުއްޔަށް ދޫކުރާ އަގު ހެޔޮ ކުރީ އެދެވޭ ގޮތެއްގައި އިސްލާމީ ހަރަކާތްތަކަށް އެ ހޯލް ބޭނުން ކުރުމުގެ މަގު ފަހިކޮށް ދިނުމަށް ކަމަށާއި އިސްލާމީ ޖަލްސާތަކާއި ސެމިނާރާއި މަހާސިންތާތަކަށް އެހީއެއް ވުމުގެ ގޮތުން ކަމަށެވެ.
އަގަށް މި ބަދަލު ގެނައި ނަމަވެސް ހައްޖާއި އުމުރާ އަށް މީހުން ގެންދާ ގުރޫޕްތަކުގެ އެއްވުމާއި ބައްދަލުވުންތަކަށް ހޯލް ދޫކުރަން ނިންމާފައި ވަނީ ކުރީގެ އަގުގަ އެވެ. އެގޮތަށް ނިންމީ އެއީ ވިޔަފާރި އުސޫލުން ކުރާ ކަމަކަށް ވުމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލަކީ ގިނަ ޖަލްސާތައް ބާއްވާ ތަނަވަސް ހޯލެކެވެ.