11 Mar 2024, 15:20
އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ސްޕާސްއިން ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދު އާކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗު ސްޕާސްއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދަފައިވަނީ ވިލާއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. ނަމަވެސް މިހާފުގައިވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ސްޕާސްއިން ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޭމްސް މެޑިސަންއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ސްޕާސްއަށް ލީޑު ފުޅާކޮށްދިނީ ބްރެނަން ޖޯންސަން ޖަހައިދިން ލަނޑުންނެވެ. މިއާއެކު ސްޕާސްއިން ހަމަޖެހިލިއިރު ވިލާ އިތުރު ޕްރެޝަރަށް ވެއްޓުނުތަން ފެނުނެވެ.
އެޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީ މެޗުގެ 65 ވަނަ މިނެޓްގައި ވިލާގެ ކެޕްޓަން ޖޯން މެކްގިން ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެން ރަތް ކާޑު ދެއްކުމުންނެވެ. މިކާޑާއެކު ވިލާއިން މެޗުގެ ބާކީ އޮތްބައި ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.
މިމެޗުގައި ސްޕާސްއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. މިއީ އޭނާ ސްޕާސްއަށް ކާމިޔާބު ކޮށްދިން 159 ވަނަ ލަނޑެވެ. އަދި މިމެޗުގައި ސްޕާސްގެ ފަހު ލަނޑު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޓީމޯ ވާނާއެވެ.
މިކާމިޔާބީއާއެކު ސްޕާސްއިން މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. ނަމަވެސް އެޓީމް އަދި ނުކުޅެ އެއް މެޗު އޮތުމާއެކު ތާވަލްގެ ހަތަރު ވަނައިގައި 55 ޕޮއިންޓާއެކު މިވަގުތު އޮތް ވިލާއަށް ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ.