ރާއްޖެއަކީ މުސްލިމް ޓޫރިސްޓުނަށް ވަރަށް ހާއްސަ އަދި ވަރަށް މަގުބޫލް މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

މެލޭޝިއާގެ ކުއާލަމްޕޫރުގައި މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް އޮތް، ވޯލްޑް އިސްލާމިކް ޓޫރިޒަމް ފެއާއާގައި ބައިވެރިވެވަޑައިގަތުމަށް ފަހު، މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރުގެ ނާއިބު މަލީހު ޖަމާލު ވިދާޅުވީ އިސްލާމިކް ޓޫރިޒަމަކީ ދުނިޔޭގައި ވަރަށް ފުޅާވަމުން އަންނަ މާކެޓެއް ކަމަށާއި އެގޮތުން ރާއްޖެއަކީ މުސްލިމް ޓޫރިސްޓުންނަށް ވަރަށް މަގުބޫލް މަންޒިލެއް ކަމަށެވެ.

އަދި ވިދާޅުވީ މުސްލިމް ޓޫރިސްޓުނަށް ދުނިޔޭގެ މާކެޓްތަކުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ކެއުމުގެ ކަންތައްތަކާއި ނަމާދުކުރުން ފަދަ ކަންކަންކަމަށާއި ރާއްޖޭގައި އެކަންތައްތައް ހަމަޖެހިފައިވާ ކަމަށެވެ.

"ރާއްޖެ އަށް އެތެރެކުރާ ގިނަ ބާވަތްތަކަކީ ހަލާލު ބާވަތްތައް އަދި ރިސޯޓްތަކުގައި މިސްކިތްތައް ހުރުމުގެ ސަބަބުން ނަމާދު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދޭ. އެހެންކަމުން ރާއްޖެއަކީ މުސްލިމް ޓޫރިސްޓުންނަށް ވަރަށް ހާއްސަ މަންޒިލެއް،" މަލީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުސްލިމް ގައުމެއްގައި ފަތުރުވެރިކަން ތައާރަފް ވެގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޓޫރިޒަމް ދާއިރާގެ އާ މާސްޓާ ޕްލޭން ވުޖޫދަށް އަންނަ އިރު މުސްލިމް ޓޫރިސްޓުނަށް ވަރަށް ހާއްސަ ސަމާލުކަމެއްދީގެން ފުރުސަތުތައް އިތުރުކުރައްވާނެ ކަމަށެވެ.

އަދި ވިދާޅުވީ މެލޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މާކެޓަކީ ވަރަށް މުހިންމު މާކެޓެއް ކަމަށާއި އެ ފެއާގެ ސަބަބުން މެލޭޝިއާގެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ޔޫރަޕަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެދާތަނެތީ އެހެން މާކެޓަކުން އެބަޖެހޭ އެބައި ފުއްދަން. އެގޮތުން އަޅުގަނޑަށް ގަބޫލްކުރެވެނީ މެލޭޝިއާ މާކެޓަކީ ވަރަށް މުހިންމު މާކެޓެއްކަމަށް،" މަލީހް ވިދާޅުވި އެވެ.

މެލޭޝިޔާ އިން ރާއްޖެ އަންނަ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މިދިޔަ އަހަރު އެ ގައުމުން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް ވަނީ 55 ޕަސެންޓް އިތުރުވެފަ އެވެ. އަދި މިދިޔަ އަހަރާ އަޅާބަލާ އިރު މި އަހަރުގެ މިހާތަނަށް 28 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓަކައި މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.