11 Mar 2024, 10:29
އިއްޔެ އެކަނި ވެސް މާލޭ މަގުމަތިން 59 ޓަނުގެ ކުނި ނެގުނު ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އެ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނި މުޅު ޖުމްލަ 59.6 ޓަނުގެ ކުނި މާލޭ މަގުމަތިން ނަގައި އުކާލާފައިވާ ކަމަށެވެ.
މާލޭ މަގުމަތިން އިއްޔެ ނެގުނު ކުނީގެ އަދަދު ހިއްސާ ކުރަމުން ސިޓީ ކައުންސިލުން ބުނީ މުޅި ޖުމްލަ 51 ޕިކަޕުގެ ކުނި އުކާލެވިފައިވާ ކަމަށެވެ. އެގޮތުން އެ ކައުންސިލުން އުކައިލާފައިވަނީ:
350 ކިލޯގެ 26 ޕިކަޕު
- 1.5 ޓަނުގެ 16 ޕިކަޕު
- ތިން ޓަނުގެ ހަތް ޕިކަޕު
- 3.5 ޓަނުގެ ޕިކަޕެއް
- 2 ޓަނުގެ ޕިކަޕެއް
ރޯދަ މަހާއި ގާތްކޮށް ގެތައް ސާފުކުރުމަށް ފަހު ބާ ފަރުނީޗަރުތަކާއި ކުނިތަކުން މަގުމަތި ފުރާލައި މުޅި މަގުމަތި ވަނީ ގޮނޑު ކޮށްލައިފައެވެ.
މިވަ ގުތު މާލޭގެ ގިނަ މަގުތަކުގެ ހާލަކީ މިއެވެ. ބާ ސޯފާތަކާ، ގޭސް އުނދުނުން ފެށިގެން ތެލިތަށި ވެސް އުކާލަން ނެރެ މަގުމަތީ ބަހައްޓާފައި އެބަހުއްޓެެވެ. މި ކުނިތަކުން ދުވާރު ވެސް ވަނީ ފުރިފައެވެ.
މިކަމާ ގުޅުގެން މަގުމަތީގައި ހިނގައިބިނގާވެ އުޅޭ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ހިއްސާ ކޮށްފައެވެ.
މާލޭގެ މަގުތައް ގޮނޑުވުމާ ގުޅިގެން ވެމްކޯއިން ބުނީ، އެކަން އެ ކުންފުނީގެ ސަމާލުކަމަށް ވެސް އައިސްފައިވާކަމަށެވެ. އަދި، މާލޭސިޓީ ކައުންސިލާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ކުރާއިރު، ކުނި ގިނަ ބައެއް ހިސާބުތަކުން ވެމްކޯއިން އަމިއްލައަށް ވެސް ކުނި ނަގާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ވެމްކޯއިން ވަނީ މަގުމައްޗަށް ކުނި އުކުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ދަށުން އެންމެން ވެސް ކުނި ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.