11 Mar 2024, 08:03
ދުނިޔޭގެ 1.8 ބިލިއަން މުސްލިމުންގެ ތެރެއިން ބައެއް މުސްލިމުންނަށް މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
ސައުދީ އަރަބިއާގެ ގައުމީ ޓީވީ ބުނި ގޮތުގައި ސައުދީއަށް ހަނދު ފެނިފައިވާތީ، މިއަދަކީ އެ ގައުމަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
ސައުދީގެ އިތުރުން ގަލްފް ސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ އިރާގު، ސޫރިޔާ އަދި މިސްރު ވެސް ވަނީ މިއަދަކީ އެ ގައުމުތަކަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމަށް އިއުލާނުކޮށްފައެވެ.
ނަމަވެސް އޭޝިއާ ޕެސިފިކްގެ ބައެއް ގައުމުތައް ކަމަށްވާ އޮސްޓްރޭލިޔާ، ބްރޫނާއީ، އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ގައުމުތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަހެވެ.
އަރަބި ކަރައިގެ އެންމެ އިރުމަތީ ފަރާތުގައި އޮންނަ އޮމާނަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަހެވެ. އަންގާރަ ދުވަހަކީ އުރުދުންއަށް ވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
މި މާތްވެގެންވާ މަހަކީ މުސްލިމުން އެ މީހުންގެ އީމާންތެރިކަން އިތުރުކުރަން މަސައްކަތްކުރާ މަހެކެވެ. މި އަހަރުގެ ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރިއިރު، ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް މުސްލިމުންނެއް ތިބީ ހާލުގައި ޖެހިފައެވެ. ކާނާއާއި ސާފުބޯފެން، އަދި ބޭސް ފަރުވާއިން ވެސް މަހުރޫމުވެފައެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް އިއުލާނުކުރުމަށް ދެއްކެވި ވާހަކަފުޅުގައި ސައުދީގެ ރަސްގެފާނު ސަލްމާން ވަނީ ވަކިން ހާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
"މި އަހަރު ރަމަޟާން މަސް ފެށޭއިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތާމައެއް ލިބެނީ ފަލަސްތީނުގައި އަޅުގަނޑުމެންގެ އަހުންނަށް ލިބެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން. އެ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޒިންމާ ނަގައި، ރައްކާތެރި އަވަސް ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ގޮވައިލަން،" ރަސްގެފާނު ވިދާޅުވިއެވެ.
ރަމަޟާން މަހަކީ މުސްލިމުން އެކަކު އަނެކަކާ އޮންނަ ގުޅުން ގާއިމުކޮށް، ހަމަނުޖެހުންތަކުން ދުރުވުމަށް މަސައްކަތް މަހެއް ނަމަވެސް ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަކީ ގިނަ މުސްލިމުންނަށް ބޮޑު ހަނގުރާމައެއް ކުރިމަތިވެފައިވާ ކަމެކެވެ. ރަމަޟާން މަސް ފެށުމުގެ ކުރިން އިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާއި ދެމެދު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު އޮތް ނަމަވެސް އެކަންވެސް ކާމިޔާބުވެފައެއްނުވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުގެންދާ ހަމަލާތަކުގައި 31،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ. އިންސާނީ އެހީ ފޯރުކޮށްދިނުން ދަތިވެ، މުޅި ޣައްޒާގެ އެކި ހިސާބުތަކަށް ވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފައެވެ.
އޭގެ އިތުރުން، މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ، އަލް އަގްސާ މިސްކިތުގައި މުސްލިމުން ނަމާދު ކުރުމަށް އިސްރާއީލުން ކަނޑައަޅާއިފައިވާ ހުރަސްތަކުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ.