11 Mar 2024, 07:57
ކޮންމެ ރޯދަ މަހެއް ފެށިގެން ދާއިރު އެންމެ ގިނަ ބަޔަކު ބިޒީވާ އެއް ތަނަކީ ގޭގެ ބަދިގެ ތެރެއެވެ. ރޯދަ މަސް ފެށުމާއެކު ތަފާތު އެކި ކަހަލަ ކާއެއްޗެހި ތައްޔާރުކޮށް ސުފުރާ މަތި ފުރާލުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އާދައަކީ އެންމެ ސިއްހަތަށް ރަނގަޅު އާދައެއް ނޫނެވެ. މިއީ ބަދަލު ކުރަންވެފައި އޮތް އާދައެކެވެ.
ރޯދަ މަހުގެ މައިގަނޑު ގޯލަކަށް ވާން ޖެހޭނީ ކެއިން ބުއިމުގެ ބާވަތްތައް އިތުރުކުރުމުގެ ބަދަލުގައި އިސްރާފު ކުރެވޭ މިންވަރު މަދު ކުރުމެވެ. އަދި، ވީހާވެސް ދެމެހެއްޓެނިވި ޑައިޓެއް ގެންގުޅުމަކީ އެންމެން ދަތުރުކުރަން ޖެހޭ ގޯލަކަށް ވާން ޖެހޭނެއެވެ. ކޮންމެ ދުވަހަކު ފަސް ހަ ވައްތަރުގެ ކެއުމުން ކާގެ ފުރާލާކަށް ކޮންމެހެން ނުޖެހެއެވެ.
އެހެންވީމާ ދުޅަހެޔޮ އަދި އިސްރާފުކުރުން ކުޑަ ޑައިޓަކަށް ކެއުމުގެ އާދަ ބަދަލު ކުރާނީ ކިހިިނެއް ހެއްޔެވެ؟
ދުޅަހެޔޮ ޑައިޓަކަށް އެންމެ މުހިއްމު އެއް ކަމަކީ ކެއުމުގެ އާދައަށް އަންނަ ބަދަލު ދެނެގަތުމެވެ. އެހެން މަސްތަކާ ހިލާފަށް ރޯދަ މަހުގައި އެންމެ އިސްކަމެއް ދީގެން ކެއުމުގެ އާދަ ބައްޓަން ކުރަން ދެ ވަގުތެއް އޮވެއެވެ. އެއީ، ރޯދަ ވީއްލާ ވަގުތާއި ހާރުކާ ވަގުތެވެ.
މި ދެ ގަޑިއަށް ބަލައިގެން ކެއުމުގެ އާދަ އަދި ކާން ގެންގުޅޭ އެއްޗެހި ރާވާލުން މުހިއްމެވެ. އެގޮތުން މުޅި ދުވަހު ރޯދައަށް ހުންނައިރު ހާރު ކާ އެއްޗެހީގެ މުހިއްމު ކަމަކީ އެއް ގޮތަކަށް ވެސް ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ.
ކުރީ ބައިން ހަފުތާ އަކަށްވާ ވަރަށް ވެސް ކެއުން ތައްޔާރު ކޮށްލެވިދާނެއެވެ. ރޯދަ ވީއްލުމަށް ފަހު ފަސޭހަ ވަގުތެއްގައި ބޮޑު މީލް ޕްރެޕް އެއް ކުރިއަށް ގެންދެވިދާނެއެވެ.

ޕްރޮޓީންގެ މާއްދާ ގިނަ ބައެއް ބާވަތްތައް
ރޯދައަށް ހުންނައިރު މުޅި ދުވަހު ބަނޑުހައި ނުވެ ހަކަތަ ހުންނާނެ އެއްޗެއްސަށް ސަމާލުކަން ދީގެން ޑައިޓު ބައްޓަން ކޮށްލަން ފަރުވާ ދޭން ވާނެއެވެ. އެގޮތުން ހާރު ތައްޔާރުކުރާއިރު ޕްރޮޓީންގެ މާއްދާ ބޮޑު ކޮންމެވެސް ބާވަތެއް ހިމަނަން ޖެހޭނެއެވެ. އޭގެ ތެރޭގައި ކަނޑު މަހާއި ކުކުޅު އަދި ގެރީގެ އިތުރުން ބިހާއި މުގު އަދި ޔޯގަޓު ހިމެނެއެވެ. މިއިން ބާވަތެއް ކޮންމެ ވެސް ގޮތެއްގައި ޑައިޓުގައި ހިމަނަން ޖެހޭނެއެވެ. އަދި، މި ބާވަތް ތައްޔާރު ކުރާނީ ވީހާވެސް ތެޔޮ މަދު ގޮތަކަށެވެ.
ދެން އެންމެ މުހިއްމު މާއްދާއަކީ ފައިބާގެ މާއްދާ ގިނަ އެއްޗެއްސެވެ. އޭގެ ތެރޭގައި މޭވާއާއި ތަރުކާރީގެ އިތުރުން ހޯލް ގްރެއިންސް (އޯވަ ނައިޓް އޯޓްސް، ބްރައުން ރައިސް، ބްރައުން ޕާސްތާ، ޗަޕާތީ) އަދި ނަޓްސްގެ އެކި ބާވަތްތައް ހިމެނެއެވެ.

ފައިބާގެ މާއްދާ ގިނަ ބައެއް ތަކެތި
މި މާއްދާތަކަކީ މުޅި ދުވަހު މީހާ ބަނޑުހައި ވުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާ ތަކެވެ. އޭގެ އިތުރުން މުޅި ދުވަހަށް ބޭނުންވާނެ ހަކަތަ ވެސް އެންމެ ފުރިހަމައަށް ލިބޭނީ މި ތަކެތީންނެވެ.
ރޯދަ ވީއްލާއިރު ވެސް މި ފަދަ ތަކެއްޗަށް ބޮޑު އިސްކަމެއް ދޭން ވާނެއެވެ. އޭގެ އިތުރުން، އެންމެ މުހިއްމު ކަމަކަށް ވާން ޖެހޭނީ ހަށިގަނޑަށް ބޭނުންވާނެ ހައިޑްރޭޝަން ހޯދުމެވެ. ގިނައިން ފެން ބުއިމަށް އާދަ ކުރުމާ އެކު ހަކުރު ކަނޑާލައިގެން ތާޒާ މޭވާތަކުގެ ފަނި އަދި ޖޫސް ބޭނުން ކުރުމަކީ ވެސް އިސްކަން ދޭން ޖެހޭނެ އާދައެކެވެ. ރޯދަ ވީއްލުމުން ފެށިގެން ހާރު ކެއުމާ ދެމެދު ކިރު ބުއިން ވެސް ޑައިޓުގެ އާދައަށް އިތުރު ކޮށްލުމަކީ ރަނގަޅު ކަމެކެވެ.
ކުރީން ރާވައި ތައްޔާރުކޮށް މިފަދަ ޑައިޓަކަށް މީހާގެ އާދަތައް ބަދަލު ކޮށްލުމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އަޅާނެއެވެ. އަދި، މީހާ ވަރުބަލިވެ ލޮޑުވާ މިންވަރު ވެސް މިކަމުން ކުޑަކޮށްލަދޭނެއެވެ.