އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެ ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިހެން ބުނީ އުސްފަސްގަނޑު ރޫޅާނުލުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އުސްފަސްގަނޑު ރޫޅާ ނުލުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެ ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށާއި ދައުލަތުން އެ އަމުރު އިސްތިއުނާފު ކުރި އިރު އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ ކޮން އުސޫލަކާ ޚިލާފަށް ކަމެއް ދައުވާގައި ބުނެފައި ނުވާކަމަށެވެ.

ދައުލަތުގެ ވަކީލު އަހުމަދު އުޝާމް ވިދާޅުވީ އުސްފަސްގަނޑަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާތަނެއް ކަމަށެވެ. އަދި އެ ތަނަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހިއްފަސޭހަކުރުމަށް އާންމުން ބޭނުންކުރުމަށް ޓަކައި ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވާ ބިމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެމްޑީޕީ އަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ފެންނަކަށް ބުނެ ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނު އިރު "އިއާދަނުކުރެވޭ ގެއްލުން" މާނަކުރުމުގައި ދެ ފަރާތަށް ވެސް ލިބޭ ގެއްލުން ވަޒަން ކުރަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރު ނެރެފައި ވަނީ ޝަރީއަތަށް ހާޒިރުވެ ފުރިހަމައަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދައުލަތަށް ނުދީކަމަށެެވެ.

ހައިކޯޓުގެ ފަނޑިޔާރު އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ އުސްފަސްގަނޑު ރޫޅާނުލުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.

އެ މައްސަލައަށް ފަހު މިއަދު ދެން ކުރިއަށް ގެންދިޔައީ އުސްފަސްގަނޑުން ފުލުހުން ގެންދިޔަ ތަކެތި އެމްޑީޕީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގެ ޝަރީއަތެވެ.

އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު އުޝާމް ވިދާޅުވީ ސިވިލް ކޯޓުން އަމުރު ނެރުނު އިރު އުސްފަސްގަނޑުން ފުލުހުން ގެންދިޔައީ ކޮން އެއްޗިއްސެއް ކަމެއް ވެސް ބަލާފައި ނުވާ ކަމަށެވެ. އަދި އެތަކެތި ފުލުހުން ގެންގޮސްފައި ވަނީ އެތަނުން ތަކެތި ނުގެންދިޔުމަށް ކޯޓުން އަމުރު ކުރުމުގެ ކުރިން ކަމަށްވާތީ އެތަކެއްޗަކީ ކޯޓު އަމުރާ ޚިލާފަށް ގެންދިޔަ އެއްޗެތި ކަމަށް ނުބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި އެމްޑީޕީގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ފުލުހުން އުސްފަސްގަނޑު ރޫޅާލައި އެތަނުން ތަކެތި ގެންދިޔައީ އެމްޑީޕީގެ ހާޒިރުގައި ނޫން ކަމަށާއި އަދި އެއްޗެހި ގެންދިޔައީ ލިޔުމެއްގައި ސޮއި ނުކޮށް ކަމަށްވާތީ އެ ހުރިހާ އެއްޗެއް އެއްފަހަރާ ހަވާލުކުރުމުގެ އަމުރު ނެރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ސިވިލް ކޯޓުގެ އަމުރާ ޚިލާފުވާ ފަރާތްތަކާ މެދު ދައުވާ ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.