ތިން އަތޮޅެއްގެ ވިޔަފާރިތައް އޮޑިޓްކުރުމުން ޖީއެސްޓީގެ ގޮތުގައި އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ލިބިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

މީރާއިން މިއަދު ބުނީ ހދ އަތޮޅާއި ބ އަދި ޏ އަތޮޅުން 122 އަށް ވުރެ ގިނަ ވިޔަފާރިތައް އޮޑިޓްކޮށްގެން އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. މި މަހުގެ ތެރޭގައި ހއ އާއި ޅ އާއި ގދ އަދި ސ. އަތޮޅުގެ ވިޔަފާރިތައް އޮޑިޓްކުރަން ދަތުރު ކުރާނެ ކަމަށް ވެސް ބުންޏެވެ.

އަތޮޅުތަކުގައި ޖީއެސްޓީ ދައްކަން ޖެހޭ ވިޔަފާރިތައް އޮޑިޓް ކުރަން މީރާގެ ޓީމުތައް މިދިއަ މޭ، 20 ވަނަ ދުވަހުން ފެށިގެން ގެންދަނީ ދަތުރުތައް ކުރަމުންނެވެ.

އޮޑިޓްކުރުމުގައި ރަށްރަށުން ޖީއެސްޓީގެ ގޮތުގައި ފައިސާ ދައްކާފައިވާ ނިސްބަތާއި ވަކި ވިޔަފާރިތަކުން ފައިސާ ދައްކާފައިވާ ނިސްބަތަށް ބަލާނެ ކަމަށް ވެސް މީރާއިން ބުންޏެވެ. ޖެނެރަލް ޖީއެސްޓީން ދައުލަތަށް މަހެއްގެ މައްޗަށް 107.9 މިލިޔަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ލިބެ އެވެ.

މީރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން ވިޔަފާރިތައް އޮޑިޓް ކޮށްގެން ޖޫން މަހުގެ ތެރޭގައި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބުނެވެ. ދައުލަތަށް ނުލިބިވާ 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

މީރާއިން އަތޮޅުތަކަށް ކުރާ އޮޑިޓް ދަތުރުތަކުގައި ހިސާބުތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުމާއި ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ ތަންތަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ.